ބަޖެޓުން 5 ބިލިއަން ސަލާމަތްކުރުން: ޚަރަދު ކުޑަކުރުމުން އިގްތިސާދަށް ކުރީ ކޮން ހެޔޮ އަސަރެއް؟

ވޭތުވެދިޔަ 2025 ވަނަ އަހަރު ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކޮށް، ބަޖެޓުން ފަސް ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން އަލަށް ޝާއިއުކުރި "ބަޖެޓު ނަތީޖާ ބަޔާން 2025″ ގައެވެ.

ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ޚަރަދު ވަނީ 44.2 ބިލިއަން ރުފިޔާއަށް ތިރިކޮށްފައެވެ. މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިތުރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހި، ދައުލަތުގެ ޚަރަދުތައް މިފަދަ ބޮޑު މިންވަރަކުން ހިފެހެއްޓުނު ފުރަތަމަ ފަހަރެވެ.

ޚަރަދު ކުޑަކުރުމުން އިގްތިސާދަށް ކުރި ހެޔޮ އަސަރުތައް

ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްވުމަކީ ހަމައެކަނި ހިސާބުތަކަކުން ފެންނަ ކުރިއެރުމެއް ނޫނެވެ. މީގެ ސަބަބުން ގައުމުގެ މުޅި އިގްތިސާދަށާއި މާލީ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދައުލަތުގެ ދަރަނި ބޮޑުވުން ހުއްޓުވުން: ލަފާކުރި ވަރަށްވުރެ ޚަރަދު ކުޑަވުމުން، ބަޖެޓުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި އިތުރަށް ދަރަންޏަށް ފައިސާ ނަގަންޖެހޭ މިންވަރު މަދުވެއެވެ. މިއީ ދިގު މުއްދަތެއްގައި ގައުމު ދަރަނީން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • މާލީ އިތުބާރު ބޮޑުވުން: ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ޚަރަދުތައް ކޮންޓްރޯލް ކުރެވުމުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ރޭޓިން އެޖެންސީތަކުން ރާއްޖޭގެ އިގްތިސާދާ މެދު ކުރާ އިތުބާރު ބޮޑުވެއެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމަށް މަގުފަހިވާނެ ކަމެކެވެ.

  • ރުފިޔާގެ އަގު ހިފެހެއްޓުމަށް އެހީވުން: ދައުލަތުން ބާޒާރަށް ދޫކުރާ ފައިސާގެ މިންވަރު ހަމަހަމަކޮށް ހިފެހެއްޓުމުން، ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

ޚަރަދުތައް ކުޑަކުރީ ކޮން ދާއިރާތަކަކުން؟

ފައިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި ޚަރަދުތައް ކުޑަކުރީ އާންމު ހިދުމަތްތަކަށް ބުރޫނާރާނެހެން، އިދާރީ ހިންގުމުގެ ތެރެއިންނެވެ.

  • އެގޮތުން މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި 14 ބިލިއަން ރުފިޔާ ބަޖެޓްކުރި ނަމަވެސް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ސަބަބުން ހޭދަވީ 12.5 ބިލިއަން ރުފިޔާއެވެ.
  • ދައުލަތުގެ ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް ކަނޑައެޅި 5.6 ބިލިއަން ރުފިޔާގެ ބަދަލުގައި ހޭދަވީ 4.8 ބިލިއަން ރުފިޔާއެވެ.

މި ހުރިހާ ބަދަލުތަކެއް ގެނައިއިރުވެސް، އާންމު ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތަކުގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތަކާއި ސަބްސިޑީތައް ސަރުކާރުން މެދުކަނޑާނުލައި ދެމުންގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!