ނައިޖީރިއާގެ އަވަށްޓެރި ޤައުމަކުން އެބޯލާ ވައިރަސް ފެނުމާ ގުޅިގެން، ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވޭ ނައިޖީރިއާގެ 10 ސްޓޭޓެއް އެ ޤައުމުގެ ސަރުކާރުން ހައި އެލާޓަށް ގެނެސްފިއެވެ. ނައިޖީރިއާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (އެން.ސީ.ޑީ.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅަކީ ރައްކާތެރިވުމުގެ ގޮތުންނާއި، ބަލި އެ ޤައުމަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި ދުރާލައި އެޅި ފިޔަވަޅެކެވެ. ޚާއްޞަކޮށް ބޯޑަރު ހިއްސާކުރާ ސަރަޙައްދުތަކާއި، ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް ހިމެނޭ ސްޓޭޓްތަކުގައި ސާރވޭލަންސް ނުވަތަ ބަލި ހުރިތޯ ބެލުމުގެ ނިޒާމު މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
އެން.ސީ.ޑީ.ސީ ގެ ޑިރެކްޓަރ ޖެނެރަލް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނައިޖީރިއާއިން މިހާތަނަށް އެބޯލާގެ އެއްވެސް ކޭހެއް ފެނިފައިނުވި ނަމަވެސް، އަވަށްޓެރި ޤައުމެއްގައި ބަލި ފެތުރެމުންދާތީ ޤައުމަށް ބަލި އެތެރެވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އެހެންކަމުން ހައި އެލާޓަށް ގެނައި 10 ސްޓޭޓެއްގެ ޞިއްޙީ އިދާރާތަކާއި ހޮސްޕިޓަލްތަކުން ކުއްލި ޙާލަތްތަކަށް ތައްޔާރުވެ، ބަލީގެ އަލާމާތެއް ފެންނަ މީހަކު ހުރިތޯ ވަރަށް ކައިރިން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ދަތުރުކުރާ މީހުން ސްކްރީންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާންމު ރައްޔިތުން ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ބަލީގެ އަލާމާތެއް ކަމަށްވާ ގަދައަށް ހުންއައުމާއި، ބޮލުގައި ރިއްސުމާއި، އަދި ހަށިގަނޑުގެ އެކި ތަންތަނުން ލޭއައުން ފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ނައިޖީރިއާއަކީ 2014 ވަނަ އަހަރު ހުޅަނގު އެފްރިކާގައި ފެތުރުނު ނުރައްކާތެރި އެބޯލާ ބަލިމަޑުކަމާ ކާމިޔާބުކަމާއެކު ކުރިމަތިލައި، ބަލި ކޮންޓްރޯލްކޮށްފައިވާ ޤައުމެކެވެ. އެހެންކަމުން، ކުރީގެ ތަޖުރިބާއަށް ބަލައި މިފަހަރުވެސް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ބަލިމަޑުކަމަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށް އެ ޤައުމުގެ ޞިއްޙީ މާހިރުން ދެކެއެވެ.




