މާލޭ ކައުންސިލުން މިއަދު ބޭއްވި ރަސްމީ ޢާންމު ޖަލްސާގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ކުލި ނުދެއްކިގެން ގެދޮރު ގެއްލޭ މީހުން މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްދިނުމަށް ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފިއެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް ކައުންސިލުގެ ބޮޑު ތާއީދެއް ލިބުނު ނަމަވެސް، މި ނިންމުމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާ މެދު ބައެއް ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ގޮތަށް ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ، އެފްޑީސީ ފްލެޓްތައް ލިބުމާއެކު އެ މީހުން މާލޭގެ ރަޖިސްޓްރީއަށް ބަދަލުވާން ޖެހޭތީއެވެ. ނަމަވެސް، މާލީ ދަތިކަމުގެ ސަބަބުން ކުލި ނުދެއްކިގެން ފްލެޓް އަތުލާ ހާލަތްތަކުގައާއި ނުވަތަ ވިއްކާލަން ޖެހޭ ހާލަތްތަކުގައި އެ މީހުންގެ ގެދޮރުގެ ރަޖިސްޓްރީ ގެއްލި، މަގުމަތިވާ ގޮތް ދިމާވެއެވެ. މޭޔަރު އާޒިމް ވިދާޅުވީ އެ މީހުންނަކީވެސް މާލޭގެ ރައްޔިތުން ކަމަށްވާތީ ބާކީކޮށްނުލެވޭނެ ކަމަށާއި، ވަކި ދަފްތަރެއްގައި ނަމަވެސް އެ މީހުން ޖައްސަން ޖެހޭނެ ކަމަށެވެ.
ޖަލްސާގެ ބަހުސްގައި ބައެއް ކައުންސިލަރުން ވަނީ މި ނިންމުމުގެ ސަބަބުން ނުބައި އާދައެއް އަށަގެންފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ކައުންސިލަރުން ފާހަގަކުރެއްވި ގޮތުގައި:
-
ކުލި ނުދެއްކުން އިތުރުވުން: ކުލި ނުދެއްކިޔަސް ދަފްތަރުން ފުރުޞަތު ލިބޭނެކަން އެނގުމުން، ޤަޞްދުގައި ކުލި ނުދައްކާ މީހުން ގިނަވެދާނެއެވެ.
-
ވިޔަފާރިއަކަށް ބަދަލުވުން: ކޮންމެ ފަސް އަހަރަކުން ފްލެޓް ވިއްކާލުމަށްފަހު ދަފްތަރަށް ވަދެ، އަލުން ސަރުކާރުގެ ބޯހިޔާވަހިކަމަށް ކުރިމަތިލުން މިއީ ވިޔަފާރިއަކަށް ހަދާފާނެއެވެ.
-
އަސްލު ބޭނުން ކެނޑުން: ދަފްތަރުގައި ތިބޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ދޭން އިސްކަންދޭއިރު، ފްލެޓް ވިއްކާލާ މީހުން އަލުން ދަފްތަރަށް ލުމުން އިންޞާފުވެރިކަން ގެއްލޭނެއެވެ.
ބައެއް ކައުންސިލަރުން ހުށަހެޅުއްވީ އެ މީހެއްގެ ނުވަތަ މައިންބަފައިންގެ ބޯހިޔާވަހިކަމެއް އެހެން ރަށެއްގައި ހުރިތޯ ބެލުމަށާއި، އެ ފަދަ ވަޞީލަތެއް ހުރި ނަމަ އަސްލު ރަށުގެ ރަށްވެހިކަމަށް ބަދަލުކުރުމަށެވެ. ނަމަވެސް މޭޔަރު ވިދާޅުވީ އެ ފަދަ ޝަރުޠުތަކެއް ކަނޑައަޅައިފި ނަމަ، މިހާރު ދަފްތަރުގައި ތިބި އެންމެންނަށްވެސް އެ ޤަވާއިދު ހިންގަން ޖެހޭނެތީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދިގު ބަހުސަކަށްފަހު ކައުންސިލުން އެންމެ ފަހުން ނިންމީ، މި ފަދަ ހާލަތްތަކުގައި ދަފްތަރުގައި ޖައްސާ މީހުންނަކީ "ޚާއްޞަ ހާލަތެއްގައި" ޖެއްސި މީހުންކަން އެނގޭނެ ފަދަ ވަކި ނިޝާނެއް ނުވަތަ ގޮތެއް ދަފްތަރުގައި ކަނޑައެޅުމަށެވެ. މި ނިންމުން ފާސްވީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން ތިން ކައުންސިލަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ ވޯޓުންނެވެ.
މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ:
-
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިލްވާން ޢަލީ
-
ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ޙަލީމް
-
ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސަމާހު



