މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމަށް، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ވަޒީފާ އަނބުރާ ދިނުމުން މިއަދު އޭނާ ރަސްމީކޮށް ޔުނީފޯމުގައި ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފިއެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ މަޤާމުގައި ހުންނަވަނިކޮށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޝިޔާމް ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިގެންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ފުލުހުންގެ ނިންމުމަށް ތާއީދުކުރި ނަމަވެސް، ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޙުކުމްކޮށްފައެވެ.
ޝިޔާމަށް ވަޒީފާ ހަމަޖެހުނު ނަމަވެސް އޭނާ ފުލުހުންގެ ރަސްމީ ޔުނީފޯމުގައި އިދާރާއަށް ނުކުންނެވި ފުރަތަމަ ދުވަހަކީ މިއަދެވެ.
ހައިކޯޓުގެ ޙުކުމުގައި ޝިޔާމް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވޭތުވި ހުރިހާ ދުވަހެއްގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައިވެއެވެ. ނަމަވެސް، ދައުލަތުން ވަނީ ޙުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގެ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފެވެ.



