HEP
HEP

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކޮށްފި

ރާއްޖޭގެ ދަރަނި ބޮޑުވެ، އެކަށީގެންވާ އިންތިޒާމުތަކެއްގެ ތެރެއިން ދަރަނި އަދާނުކުރެވިދާނެ ކަމުގެ ކަންބޮޑުވުންތަކާ ހުރެ ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ ދަރަޖައަށް ދަށްކުރުމަށްފަހު، އެ ރޭޓިން މިހާރު ވަނީ ސީސީސީ މައިނަސް ދަރަޖައަށް މަތިކުރަން ނިންމާފައެވެ. ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރަން މިއަދު ނިންމީ މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމާ ގުޅިގެންނެވެ. އެ އެޖެންސީން ބުނާގޮތުގައި ސުކޫކުގެ ދަރަނި އެކީ ދެއްކުމުން ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ނުވަތަ ހިރާސް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންއަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނެއެވެ.

ފިޗްއިން ފާހަގަކުރި ގޮތުގައި ސުކޫކުގެ ބޮޑު ދަރަނިން މިންޖުވުމާއެކު ރާއްޖެއިން ދައްކަންހުރި ބޭރުގެ ދަރަނި ވަރަށް ބޮޑަށް ކުޑަވެފައި އޮތުމާއި، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ރިޒާވް އަލުން ބިނާކުރުމަށް ބޭނުންވާ މާލީ އެހީތައް އިތުރުވުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވާނެ ކަމެކެވެ.

މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ބުނީ މި ރޭޓިންއަކީ ދުނިޔޭގެ އިގުތިސާދު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތްއިރުވެސް ދައުލަތުގެ މާލީ ހާލަތު ހަމަޖައްސައި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް އިތުރުވި ބޮޑު އިތުބާރެކެވެ. އަދި މާލީ ވުޒާރާއިން ޔަގީންކަންދިން ގޮތުގައި މާލީ ސިޔާސަތުތައް ދެމެހެއްޓެނެވި ގޮތެއްގައި ބައްޓަންކޮށް، ބޭރުގެ އިގުތިސާދީ ލޮޅުންތަކުން ރަައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދާނީ އަޅަމުންނެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފިޗްއިން ކްރެޑިޓް ރޭޓިންއެއް ހަމަޖެއްސީ 2016 ވަނަ އަހަރުއެވެ.

  • އެއިރު ބީ ޕްލަސް ރޭޓިންއެއް ދިނީ ރާއްޖޭގެ މާލީ މުސްތަގުބަލު ހަމަޖެހުމުގެ ތެރޭގައި އޮތްކަމަށް ބަލާފައެވެ.
  • 2019ވަނަ އަހަރު ކްރެޑިޓް ރޭޓިން ބީ ޕްލަސްގައި ދެމެހެއްޓުމާއެކު ފިޗްއިން ރާއްޖޭގެ މާލީ މުސްތަގުބަލާމެދު ދެކޭ ގޮތް ނެގެޓިވް ނުވަތަ ހާލަތު ދަށްވުމުގެ ފުރުސަތު އޮތްކަމަށް ބަދަލުކުރިއެވެ.
  • ކޮވިޑް 19 އާލަމީ ވަބާއާ ގުޅީގެން 2020 ވަނަ އަހަރު ރޭޓިން ސީސީސީ ދަރަޖައަށް ދަށްކުރިއެވެ.
  • 2024ވަނަ އަހަރުގެ އޯގަސްޓު މަހުގައި ރާއްޖޭގެ ރޭޓިން ސީސީ ދަރަޖައަށް ދަށްކުރީ ބޭރުފައިސާގެ ރިޒާވް ހީނަރުވުމާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ބޭރުފައިސާ ދިވެހިރުފިޔާއަށް މާރުކުރުމުގެ ސަބަބުން ދަރަނި މެނޭޖުކުރެވޭނެ ހަރުދަނާ އިންތިޒާމެއް ނެތުމުންނެވެ.

ކްރެޑިޓް ރޭޓިން ރަނގަޅުކުރެވުނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ގިނަގުނަ ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރުމުންނެވެ.

  • އެއިން އެންމެ މުހިއްމު އެއް ސިޔާސަތަކީ ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ މާލީ ނިޒާމަށް މާރުކުރުން ލާޒިމުކުރުމެވެ.
  • އެނިންމުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބޭރުފައިސާގެ ރިޒާވްގައި ރައްކާކުރެވިފައި ހުރި ފައިސާގެ އަދަދު 1 ބިލިއަން 300 މިލިއަން ޑޮލަރަށް މާޗު މަހުގެ ނިޔަލަށް އެރިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ތާރީހުން ފެށިގެން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޑޮލަރުން ފައިސާ ޖަމާކޮށް އޭޕްރީލު މަސް ފެށުނުއިރު އެ ފަންޑުގައި 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކުރިއެވެ.

ރިޒާވް ތިޔާގިކުރުމާއި އެސްޑީއެފްގައި ހުރި ފައިސާ އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސުކޫކު އަދާކުރުމަށްޓަކައި ބޭރުން އިތުރު ދަރަންޏަށް ފައިސާ ނުނަގައި، 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ސުކޫކުގެ ދަރަނި އަދާކުރިއެވެ.

ސުކޫކުގެ ދަރަނި އަދާކުރުމާއެކު، އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ބޮންޑު ވިއްކައިގެން ނެގި ދަރަނީގެ ތެރެއިން އިތުރު 50ފަންސާސް މިލިއަން ޑޮލަރުވެސް ސަރުކާރުން ވަނީ ދައްކާފައެވެ. އިތުރު ދަރަންޏެއް ނުނަގަައި ބިލިއަނެއްހައި ޑޮލަރުގެ ދަރަނި އަދާކުރުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ވާސިލުވެވުނު އެންމެ ބޮޑު ސަބަބެވެ.

ހިއްސާ ކުރައްވާ!