sports
sports

ގދ. ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ނިންމާލައިފި

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުންދިޔަ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީއިން އެއްކޮށް ނިންމާލައިފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން ވަނީ ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ރަނގަޅު ޓާފެއް އެ ދަނޑުގައި އަޅާފައެވެ. މީގެ އިތުރުން ދަނޑުގެ ގޯލް ޕޯސްޓް ހަރުކުރުމާއި، ދަނޑުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި ކުޅުންތެރިންނަށް ބޭނުންވާނެ ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ވަނީ ފުރިހަމަކޮށްފައެވެ.

ގާތްގަނޑަކަށް 1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގައި މި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުން، އިޖުތިމާއީ ގޮތުން އެ ރަށު ރައްޔިތުންނަށް ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބޭނެއެވެ. ޚާއްސަކޮށް ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ރަނގަޅު މާހައުލެއް މިކަމުގެ ސަބަބުން މަގުފަހިވާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މިފަދަ ތަރައްގީގެ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. އެމްޓީސީސީއިން މި މަސައްކަތް ނިންމާލުމަކީ އެ ސިޔާސަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!