korea
korea

ކިމް ޖޮންގް އުން އޭނާގެ މަންމާގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާ ސަބަބު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާގެ މަންމަ ކޯ ޔޮންގް ހީގެ ވާހަކަ ރަސްމީ އެއްވެސް މައިދާނެއްގައި ދުވަހަކުވެސް ނުދައްކާ ސަބަބާ ބެހޭގޮތުން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތަފާތު ތަހުލީލުތަކެއް ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ ސަރުކާރުން ކިމްގެ އާއިލާގެ ނަސަބަކީ ވަރަށް މުގައްދަސް ނަސަބެއްގެ ގޮތުގައި ދެއްކުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކިމް ޖޮންގް އުން އޭނާގެ މަންމާގެ ވާހަކަ ސިއްރުކުރަނީ އޭނާގެ މަންމަގެ ފަސްމަންޒަރު ހުރި ގޮތުންނެވެ.

ކޯ ޔޮންގް ހީއަކީ އުތުރު ކޮރެއާގެ ލީޑަރާ ކައިވެނިބަލައިގަތުމުގެ ކުރިން މިހރު ދެކުނު ކޮރެއާގެ ދަށުގައި އޮންނަ އެއްފަހަރެއްގައި ޖަޕާނުން ވެރިކަން ކުރި ޖީޖޫ ޖަޒީރާއަށް އުފަންވި، އަދި ނަށާ ކޮންސެޓްތަކުގައި ހަރަކާތްތެރިވި އާދައިގެ އަންހެނެކެވެ.

އުތުރު ކޮރެއާގެ ގައުމީ އަދި ސިޔާސީ ފަލްސަފާ ބިނާވެފައިވަނީ ޖަޕާނާ ދެކޮޅުވެރިވުމުގެ މައްޗަށް ކަމަށްވާއިރު، ލީޑަރުގެ މަންމައަކީ ޖަޕާނަށް ނިސްބަތްވާ މީހަކަށް ވުމަކީ އޭނާގެ ސިޔާސީ ބާރަށް ހީނަރުކަން އަތުވެދާނެ ކަމެކެވެ.

މީގެ އިތުރުން އުތުރު ކޮރެއާގެ ސިފައިންނާއި ރައްޔިތުންގެ ކުރިމަތީގައި ކިމްގެ އާއިލާއަކީ އެއްވެސް އައިބެއް ނެތް، މަތިވެރި ނަސަބަކުން އައިސްފައިވާ ބައެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން ބޭނުންވެއެވެ. ނަމަވެސް ކޯ ޔޮންގް ހީއަކީ ކިމް ޖޮންގް އިލްގެ ރަސްމީ އަނބިމީހާ ނޫން ކަމަށާއި، އޭނާއަކީ ޖާރިޔާއެއްގެ ގޮތުގައި ގެންގުޅުނު ކަނބަލެއް ކަމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން ވެސް އޭނާގެ މާޒީ ވަނީ ފޮރުވަން ޖެހިފައެވެ.

މި ސަބަބުތަކަށްޓަކައި އުތުރު ކޮރެއާގެ ސަރުކާރުން ދަނީ ކޯ ޔޮންގް ހީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ގައުމުގެ ތާރީޚީ ފޮތްތަކުގައި ވެސް ނުލިޔެ ހިފަހައްޓަމުންނެވެ. ކިމް ޖޮންގް އުން އޭނާގެ ވެރިކަމުގެ ސައްހަކަން ދެމެހެއްޓުމަށްޓަކައި ބޭނުންކުރަނީ ހަމައެކަނި އޭނާގެ ކާފަ ކިމް އިލް ސުންގްގެ ތާރީޚީ ގަދަރުވެރި ނަމެވެ.

ހިއްސާ ކުރައްވާ!