ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ޚާއްޞަ ދާއިރާތަކަށް އަމާޒުކޮށްގެން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ސަރުކާރުން ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ވީހާވެސް ގިނަ ރައްޔިތުންނާއި، ވަކިން ޚާއްޞަކޮށް ޒުވާނުން ބައިވެރިވުމަށް ގޮވާލައްވާފައެވެ.
5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު
| ފާހަގަކޮށްލެވޭ ބައިތައް | ތަފްޞީލް |
| މަޝްރޫޢުގެ އަމާޒު | 5 މިލިޔަން ގަސް އިންދުން |
| ވައުދުވެފައިވާ ޢަދަދު | އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން 6.4 މިލިޔަން ގަސް އިންދުމަށް ވަނީ ކަނޑައަޅާފައި |
| މިހާތަނަށް އިންދިފައިވާ ޢަދަދު | 1.6 މިލިއަނަށްވުރެ ގިނަ ގަސް |
| ޚާއްޞަ ސަމާލުކަމެއްދޭ ބާވަތްތައް | ރާއްޖެއިން ނެތެމުންދާ ކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް އާލާކުރުން |
"އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރަމާ ހިނގާށޭ. 5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުގައި އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެސް ބައިވެރިވެ، މިއަހަރު ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދޭކަމެއް." – ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ބައެއް ޙާލަތްތަކުގައި ގަސް ކަނޑަންޖެހުނު ނަމަވެސް، ސަރުކާރުން ރާއްޖެ ފެހިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެއެވެ. އެގޮތުން މަޝްރޫޢެއްގެ ސަބަބުން ގަސް ކަނޑަންޖެހޭ ތަންތަނުގައި، އެ މަސައްކަތް ނިމުމާއެކު އިތުރު ގަސްތައް އިންދުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ކުރިއަށްގެންދާ ގަސް އިންދުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.
ދަޕްލަސް ސިލްސިލާ:
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، "ދަ ޕަލްސް"އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.


