ސްޕެއިންގެ މީހުންގެ ޑީއެންއޭގައި މުސްލިމުންގެ ލޭހިނގާކަމަށް ދައްކާ

ސްޕެއިންގައި އިސްލާމީ ޚިލާފަތުގައި މީލާދީން (711 އިން 1492 އަށް) މުސްލިމުންނާއި ސްޕެއިން މީހުން މައްސުނި ވުމުން ސްޕެއިންގެ ރައްޔިތުންގެ ކިބައިން އުތުރު އެފްރިކާގެ ބާބަރު އަދި އަރަބި ނަސްލުގެ ޖެނެޓިކް ގުޅުން ވަރަށް ބޮޑަށް ފެންނަން ހުރިކަމަށް ސައިންސްވެރިން ހަތަރު ގަރުނުގެ ޑީއެންއޭ ސާމްޕަލްތައް ދިރާސާކުރުމުން އެނގިފައި ވެއެވެ.

"އިންފޯމްޑް ކޮންސެންޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 1609 އިން 1614 އަށް ސްޕެއިންގެ ރަސްކަލުން ނަޞާރާދީނަށް ބަދަލުވާން 3 ލައްކަ މުސްލިމުންނަށް މަޖުބޫރު ކޮށް އެމީހުން ގައުމުން ބޭރުކޮށްފައެވެ. އަދި މުސްލިމުން ބޭރުކޮށްލި ފަހުގެ ސާމްޕަލްތަކުން ދައްކާގޮތުގައި އުތުރު އެފްރިކާގެ އަރަބި ނަސްލުގެ އަސަރު ވަނީ ފޮހެވިފައެވެ.

މީގެ 4 ގަރުނު ކުރިން، 1600 ގެ އަހަރުތަކުގައި ސްޕެއިން އިން މުސްލިމުން ގަދަކަމުން ބޭރުކޮށްލުމަށް ހިންގި ލޭއޮހޮރުވުމުގެ ބޮޑު އޮޕަރޭޝަނުގެ ސަބަބުން، އެ ޤައުމުގެ އާބާދީގެ ޑީއެންއޭ އޮނިގަނޑަށް ދާއިމީ އަދި ބޮޑު ބަދަލެއް އައިސްފައިވާކަން މި ދިރަސާއިން ހާމަވެއެވެ.

ސައިންސް މަޖައްލާއެއް ކަމަށްވާ "ޖީނޯމް ބަޔޮލޮޖީ" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން އެނގޭގޮތުގައި، އެ ޒަމާނުގައި ސްޕެއިންއިން ބޭރުކޮށްލި މުސްލިމުންގެ އަދަދަކީ މުޅި ސްޕެއިންގެ އާބާދީގެ 3.6 އިންސައްތައެވެ. މިއީ ނިސްބަތުން ބަލާނަމަ، މިއަދުގެ ދުނިޔޭގައި އެމެރިކާއިން 12 މިލިއަން މީހުން އެއްފަހަރާ ޑީޕޯޓްކޮށްލުން ފަދަ ބޮޑު އަދަދެކެވެ.

މި ބޭރުކޮށްލި ރެފިއުޖީން ދިޔައީ އުތުރު އެފްރިކާއަށާއި ލެޓިން އެމެރިކާއަށެވެ. މި ދިރާސާއިން ފާހަގަކުރެވުނު ޝައުޤުވެރި އަނެއް ކަމަކީ، އޭރުގެ އިސްތިޢުމާރީ ދުނިޔޭގައި މުސްލިމުންނަށް އެމެރިކާ ބައްރަށް ދިއުން މަނާކޮށްފައި އޮތް ނަމަވެސް، ބައެއް މުސްލިމުން ސްޕެއިން މެކްސިކޯއަށް ހިޖުރަ ކުރިކަމެވެ. މިމީހުންނަށް ދެކުނު އެމެރިކާގައި އަދި ސްޕެއިން ލިޔުންތަކުގައި ނަން ދީފައި ވަނީ މޮރިސްކޯއިންގެ ނަމުންނެވެ.

އެހެންކަމުން، މިއަދު ސްޕެއިންގެ ރައްޔިތުންނަށްވުރެ މެކްސިކޯގެ މީހުންގެ ޑީއެންއޭއިން އުތުރު އެފްރިކާގެ މުސްލިމުންގެ ޖެނެޓިކް އަސަރު މާ ބޮޑަށް ފެންނން ހުރި ކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަދަކަމުން އާބާދީ ވަޒަނުން ބޭރުކޮށްލުމަކީ ޤައުމުތަކުގެ ތާރީޚާއި ނަސްލީ އޮނިގަނޑު މުޅިން ބަދަލުކޮށްލާ ކަމެކެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުން ގެންގުޅޭ "ނަސްލީ ސާފުކޮށްލުމުގެ"  ފަލްސަފާތަކަށް މި ދިރާސާއިން ވަނީ ގޮންޖަހާފައެވެ.

މީގެއިތުރުން، މި ދިރާސާގައި ބުނެފައިވަނީ، މިހާރު ފަލަސްޠީނުގެ ޣައްޒާއިން ފަލަސްޠީނު މީޙުން ގަދަކަމުން ބޭރުކޮށްލުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތު ޙަޤީޤަތަކަށްވެއްޖެނަމަ، އެއީ މީގެ 400 އަހަރު ކުރިން ސްޕެއިންއިން މުސްލިމުން ބޭރުކޮށްލި ޖަރީމާއަށްވުރެވެސް މިންވަރުގެ ގޮތުން މާ ބޮޑު އަދި ނުރައްކާތެރި އިންސާނީ ކާރިސާއަކަށް ވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!