ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ "ބުންޑިބުގްޔޯ" އެބޯލާ ވައިރަހުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށާއި، އަވަށްޓެރި ޤައުމުތަކަށް އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ އާއި އެފްރިކާ ސީ.ޑީ.ސީ ގުޅިގެން 518 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ކުއްލި މަޝްރޫޢެއް އިފްތިތާޙުކޮށްފިއެވެ.
ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ކޮންގޯގެ އިޓޫރީ ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅަށްފަހު، ޑަބްލިޔު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ވައިރަސް ފެތުރޭ ދުވެލި ހަލުވިކަމުން، ބަލި ކޮންޓްރޯލް ކުރުމުގައި އަދިވެސް އުޅެންޖެހިފައިވަނީ ފަހަތުން ދުވަމުން ކަމަށެވެ. އަދި މި ހަރަކާތް ކާމިޔާބު ކުރެވޭނީ ސަރުކާރުގެ އިސްނެގުމާއި، މުޖުތަމައުގެ އެއްބާރުލުމާއި، އަދި ބައިނަލްއަޤުވާމީ ބައިވެރިންގެ މެދުގައި އޮންނަ ވަރުގަދަ ކޯޑިނޭޝަނެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއް ޕްލޭން، އެއް ބަޖެޓް، އެއް ޓީމް" ގެ އުޞޫލުން އެކުލަވާލާފައިވާ މި މަޝްރޫޢުގެ ދަށުން ކުއްލި ޙާލަތްތައް ކޯޑިނޭޓްކުރުމާއި، ބަލިމީހުން ހޯދައި މޮނިޓަރކުރުމާއި، ލެބޯޓްރީ ޓެސްޓުތައް އިތުރުކުރުމާއި، ކްލިނިކަލް ކެއަރ އަދި ލޮޖިސްޓިކްސްގެ ކަންކަން ހަރުދަނާކުރެވޭނެއެވެ. މި އަހަރުގެ ނިޔަލަށް ހިންގާ މި ކުއްލި މަޝްރޫޢަށް 518 މިލިއަން ޑޮލަރު ބޭނުންވާނެއެވެ.
އެފްރިކާ ސީ.ޑީ.ސީ ގެ ޑިރެކްޓަރ ޖެނެރަލް ޖީން ކަސޭޔާ ހާމަކުރެއްވި ގޮތުގައި، މިހާތަނަށް މި ބަލި ޖެހިފައިވާ 397 މީހަކު ފެނި، 63 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިމީހުންނާ ދިމާވި 5,009 އަށްވުރެ ގިނަ މީހުން ދަނީ މޮނިޓަރ ކުރަމުންނެވެ. ބަލީގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ 15.9 އިންސައްތައިގައެވެ.
މެއި 15 ގައި މި ބަލިމަޑުކަން ރަސްމީކޮށް އިޢުލާނުކުރި ފަހުން، ކޮންގޯގެ އެންމެ ޕްރޮވިންސަކުން މިހާރު ވަނީ 3 ޕްރޮވިންސަކަށް އަދި ޞިއްޙީ ގޮތުން ބަލަހައްޓާ 26 ސަރަޙައްދަކަށް ބަލި ފެތުރިފައެވެ.
އޮފިޝަލުން އިންޒާރު ދޭގޮތުގައި، ބަލިމަޑުކަން ހަލުވިކަމާއެކު ކުރިއަށްދާއިރު، މި ސަރަޙައްދުގެ 11 ޤައުމަކަށް މި ބަލީގެ ބޮޑު ނުރައްކަލެއް އެބައޮތެވެ. ނަމަވެސް ބަލީގެ މައިގަނޑު މަރުކަޒަކީ އަދިވެސް އިޓޫރީ ޕްރޮވިންސެވެ. ބަލިޖެހުނު މީހުންގެ 90 އިންސައްތައާއި މަރުވި މީހުންގެ 70 އިންސައްތަ ހިއްސާކުރަނީ އެ ސަރަޙައްދުންނެވެ.







