ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މި ސަރުކާރު ފެށުނުއިރު މޫސާ ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް، 30 ސެޕްޓެމްބަރު 2024 ގައި ކެބިނެޓަށް ގެނައި ބަދަލާއެކު އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވިއެވެ.

އޭގެފަހުން މި އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް (ޕީއީއޯ) ހިމަނައި، އެ މިނިސްޓްރީގެ މަސްއޫލިއްޔަތު ވަނީ ބޮޑުކޮށްފައެވެ. ސަރުކާރުގެ ކެބިނެޓުގައި އެންމެ ސީނިއާ އަދި އެންމެ ނުފޫޒުގަދަ އެއް ވަޒީރެއްގެ ގޮތުގައި ފެނިގެންދިޔައީ ޒަމީރެވެ.

މިނިސްޓަރުކަމުގެ އިތުރުންވެސް ޒަމީރު ދިޔައީ ދައުލަތުގެ މުހިންމު އެހެން ޒިންމާތަކެއްވެސް އުފުއްލަވަމުންނެވެ. އެގޮތުން:

  • މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައީސް އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ޗެއާ އަކީ ޒަމީރެވެ.

  • ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުންދިޔައީ އޭނާއެވެ.

ޒަމީރު އިސްތިއުފާ ދެއްވި ދަނޑިވަޅަކީ ރާއްޖޭގެ މާލީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނަމުންދިޔަ ވަގުތެއްގައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން މިދިޔަ ހަފުތާގައި ވަނީ މަތިކޮށްފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން ބޭރަށް ދައްކަންޖެހިފައި އޮތް ބޮޑު ލޯނެއް ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއިން ވަނީ ކާމިޔާބުކަމާއެކު ދައްކާ ޚަލާޞްކޮށްފައެވެ.

ހިއްސާ ކުރައްވާ!