މަދީނާގެ އަލްމަހްދު ސަރަހައްދުން އާސާރީ 1774 ތަކެތި ވަނީ ހޯދާފައިވާކަން ސައުދީ އަރަބިއްޔާގެ ހެރިޓޭޖް އޮތޯރިޓީން ބުދަ ދުވަހު އިއުލާނުކުރިއެވެ. ދެ މޫސުމެއްގެ މަތިން ކުރިއަށްގެންދިޔަ ދިރާސާތަކަށްފަހު ފެނުނު މި ތަކެތިން ކުރީގެ އިސްލާމީ ދައުރާއި، އޭގެ މާ ކުރީގެ ޒަމާންތަކުގެ ތާރީޚީ ސިފަތައް ހާމަކޮށްދެއެވެ.
މި ހޯދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ކަނޑާނަގައިގެން ލިޔެފައިވާ ހިލަގަނޑެކެވެ. އޭގައި ލިޔެފައިވަނީ މާތްﷲ އީ ދުނިޔެއާއި އާޚިރަތުގައިވެސް އުމަރުގެފާނަކީ ﷲގެ ވަލީ ކަމަށެވެ. މިއީ ކުރީގެ އިސްލާމީ ތާރީޚާ ގުޅުންހުރި ވަރަށް އަގުހުރި ހެއްކެއްގެ ގޮތުގައި އެ އޮތޯރިޓީން ސިފަކުރެއެވެ.
އެ ހެރިޓޭޖް އޮތޯރިޓީން މީސްމީޑިއާގައި ހާމަކުރި ގޮތުގައި، މަހްދު ސަރަހައްދުގެ ކޮންމެ ހިލަޔަކާއި ކޮންމެ ކުރެހުމަކުން ކިޔައިދެނީ އިސްލާމީ ދައުލަތުގެ ކުރީކޮޅުގެ ވާހަކަތަކެވެ. މިއަދު އެ އޮތޯރިޓީން މި ހުޅުވައިލަނީ މާޒީގެ ސިއްރުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގެވެ.
މި ސަރަހައްދަކީ ކުރީގެ ވިޔަފާރި ގާފިލާތައް ދަތުރުކުރި މުހިންމު މަގަކަށް ވާއިރު، އެ ސަރަހައްދުން ހިލައިގެ ބިނާތަކާއި، ވަޅުތަކާއި، ގާފިލާތަކުގެ ނިޝާންތައް ވަނީ ފެނިފައެވެ. ތާރީޚީ މާހިރުން ދެކޭގޮތުގައި، މި އާ ހިލަގަނޑަކީ ޚަލީފާ އުމަރުގެފާނުގެ ދީނީ އަދި ސިޔާސީ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ، އިސްލާމީ ތާރީޚު ދިރާސާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މި ހޯދުމަށް މުސްލިމް އިލްމުވެރިންގެ ބައިނަލްއަޤްވާމީ އިއްތިޙާދުންވެސް ވަނީ މަރުޙަބާ ކިޔާފައެވެ. އެ އިއްތިޙާދުން ބުނިގޮތުގައި، އެންމެ ކުރީގެ އިސްލާމީ އަކުރުތައް ކަމަށްވާ ހިޖާޒީ ޚައްޠުން ލިޔެފައިވާ މި ހިލަގަނޑަކީ އިސްލާމީ ޙަޟާރާތުގެ ކުރީގެ މަރުޙަލާތައް ސާބިތުކޮށްދޭ އަގުހުރި ހެއްކެކެވެ. މީގެއިތުރުން، އަކުރުގެ ސިފަތަކަށް ބަލާއިރު މިއީ ސީދާ އުމަރުގެފާނުގެ ޒަމާނަށް ނިސްބަތްވާ ލިޔުމެއްކަން ކަށަވަރުވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.





