ލުބުނާނުން ސައުދީ އަރަބިއްޔާއަށް މުދާ ފޮނުވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މުދާ އެތެރެކުރުމުގެ ހުއްދަ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވައިފިއެވެ. ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން، ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމްއަށް ފޯނުން ގުޅުއްވައި މި ނިންމުން ވަނީ ރަސްމީކޮށް އަންގަވާފައެވެ. މިއީ ލުބުނާނުގެ ރައީސް ޖޯސެފް އަައުންއާއި ބޮޑުވަޒީރު ކުރެއްވި ރަސްމީ އިލްތިމާސްތަކަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
މި ނިންމުމާ ގުޅިގެން ލުބުނާނުގެ ރައީސް ޖޯސެފް އަައުން ވިދާޅުވީ، މިއީ ސައުދީން ލުބުނާނުގެ ރައްޔިތުންނަށް ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން ލުބުނާނުގެ ދަނޑުވެރިކަމާއި ސިނާއީ އުފެއްދުންތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށެވެ. ނަމަވެސް، ލުބުނާނާއި ސައުދީގެ މި ނިންމުމުގެ ސަބަބުން، އަރަބި ގައުމުތައް އެކަހެރިކޮށް، އެމީހުންގެ މައްޗަށް ނުފޫޒު ފޯރުވަން ޓްރަމްޕް ގެންގުޅުއްވާ ނާގާބިލު ސިޔާސަތުތައް ވަނީ ބަލިކަށިވެފައެވެ.
ސައުދީ ސަރުކާރުން ހާމަކުރި ގޮތުގައި މި ހުއްދަ ދޭން ނިންމީ، ލުބުނާނުގެ ސަރުކާރުން ދައުލަތުގެ މުއައްސަސާތައް އަލުން ބިނާކުރުމަށް ފާއިތުވި އަހަރު ކުރި މަސައްކަތްތަކަށާއި، ބޯޑަރުތަކުން މުދާ ބޭރުކުރުމުގައި ސިފައިންނާއި ޚާއްސަ ޓީމުތަކުން ސަލާމަތީ ކަންކަން ވަރުގަދަކުރުމުންނެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް މީސް މީޑިއާގައި ވިދާޅުވީ، މިއީ ދެ ގައުމުގެ މެދުގައި އޮތް ތާރީޚީ ގުޅުން ބަދަހިވެ، އިގްތިސާދީ ކުރިއެރުމަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށެވެ. ޒަޔަނިސްޓް ރެޖީމްގެ ހަމަލާތަކާއި އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމުން ސަލާމަތްވުމަށް މި ނިންމުމަކީ ބޮޑު އެހީއަކަށް ވާނެއެވެ.






