އަވަށްޓެރި ގައުމަކަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި އޯޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކި މީހަކު، ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ މީޑިއާ ރެގިއުލޭޝަން އިން ފިޔަވަޅު އަޅައި، މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ. އެ އިދާރާއިން އެކްސް ޕްލެޓްފޯމުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ފެންމަތިވީ ޖޫން 6، 2026 ގައި ކަމަށެވެ. އެ މީހާ އޯޑިއޯ ސްޕޭސްއެއްގައި ވާހަކަ ދައްކަމުން، އަވަށްޓެރި ގައުމެއްގެ ވެރިންނަށާއި ރަމްޒުތަކަށް ބަދުބަސް ބުނެ ފުރައްސާރަކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
މި އަމަލަކީ ސައުދީ އަރަބިއްޔާގެ މައުލޫމާތާ ގުޅޭ ޖަރީމާތައް މަނާކުރުމުގެ ގާނޫނުގެ 6ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް އެ އިދާރާއިން ކަނޑައަޅާފައިވެ އެވެ. މި ގާނޫނުގެ ދަށުން، އަވަށްޓެރި ނުވަތަ އެކުވެރި ގައުމުތަކުގެ ވެރިންނަށާއި ރަމްޒުތަކަށް އިހާނެތިކޮށް ހިތުމަކީ މަނާ ކަމެކެވެ.
މި މައްސަލައާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ގާނޫނީ ހުރިހާ އިޖުރާއަތެއް ނިންމައި، އެ މީހާ ޖޫން 8 ގައި ޕަބްލިކް ޕްރޮސެކިއުޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެ އެވެ. ސައުދީ ސަރުކާރުން އަބަދުވެސް ގެންދަނީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވާ ފަދަ އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.




