އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓުނު 241 ވޯޓު ފޮށީގެ ވޯޓުން، ބޮޑު ތަފާތަކުން ކުރިހޯއްދަވައި، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބުކުރައްވައިފިއެވެ. މި އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 48،912 މެންބަރުން ތިބިއިރު، ރާއްޖޭގެ އިތުރުން ސްރީލަންކާގައި ވެސް ވޯޓު ފޮށީ ބެހެއްޓުނެވެ. އެމްޑީޕީން އަދި ރަސްމީ ނަތީޖާ އިޢުލާންކޮށްފައި ނުވީ ނަމަވެސް، މިހާތަނަށް ގުނުނު ފޮށިތަކުން ރައީސް ނަޝީދު އުޅުއްވަނީ ބޮޑު އަޣުލަބިއްޔަތަކުން ކުރީގައެވެ. ކާމިޔާބީ ފާހަގަކުރުމަށްޓަކައި މިރޭ އާޓިފިޝަލް ބީޗަށް އެއްވުމަށް އެމަނިކުފާނު ވަނީ ސަޕޯޓަރުންނަށް ދަޢުވަތު އަރުވާފައެވެ.

މިއީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީން ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އުޅުއްވުމަށްފަހު، ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ވާދަކުރެއްވި ފުރަތަމަ އިންތިޚާބެވެ. އެމަނިކުފާނު ކެމްޕޭން ކުރެއްވީ ޕާޓީ އަލުން ބިނާކޮށް ވަރުގަދަކުރުމުގެ ވަޢުދާއެކު، "ބޮޑު ބަދަލު" ގެ ޝިއާރުގެ ދަށުންނެވެ.

މި ކެމްޕޭނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާ އެކު ކުރިއަށްގެންދިޔަ ކެމްޕޭނެކެވެ. ފައްޔާޒަކީ ރައީސް ނަޝީދު އެމްޑީޕީއަށް އަނބުރާ ގެނައުމުގައާއި މި އިންތިޚާބުގެ ކަންކަމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ނަތީޖާ ސާފުވުމާއެކު ފައްޔާޒު ސޯޝަލް މީޑިއާގައި ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ޙަރަކާތްތެރިވިތަން ފެނުމަކީ ބޮޑު ފަޚުރެއް ކަމަށެވެ.

"އެމްޑީޕީގެ މެންބަރުން މިސާބިތުކޮށްދިނީ ބޮޑު ބަދަލަކަށް އެމީހުން ތައްޔާރުވެފައި ތިބިކަން. ރައީސް ނަޝީދަށް ތިޔަދެއްވި ވޯޓާއެކު، މިގައުމަށް ބޮޑު ބަދަލު ގެނައުމުގެ މަސައްކަތް މިއަދު މިވަނީ ފެށިފައި،" ފައްޔާޒު ލިޔުއްވާފައިވެއެވެ. އޭނާ އިތުރުއިރު ވިދާޅުވީ ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ އެއްގަލަކަށް އަރައި، މިހާރު އޮތް ސަރުކާރު ބަލކުރުން ކަމަށެވެ. "ވަރުގަދަ، އެއްބައިވަންތަ ސަފުތަކަކާއެކު އަޅުގަނޑުމެން އެކަން ހާސިލުކުރާނަން."

ފޮޓޯ: ޗާލީ ތުއްތު އެކްސްގައި

 

ހިއްސާ ކުރައްވާ!