ސްރީލަންކާގެ އިގްތިސާދީ ދިރުމާއި ބޭރުގެ އެއްބަސްވުންތައް

ވެރިކަމާ ހަވާލުވުމަށްފަހު، ލަންކާގެ އައު ލީޑަރޝިޕުން ބޭނުންވީ ކުރީގެ ސަރުކާރުތަކުން ޗައިނާއާއެކު ހަދާފައިވާ ބައެއް ބޮޑެތި އެއްބަސްވުންތައް ބެލުމަށެވެ. އޭގެ ތެރޭގައި ޓެކްސްގެ ލުއިތަކާއި، ހަކަތައިގެ އެއްބަސްވުންތަކާއި، "ކޮލަމްބޯ ޕޯޓް ސިޓީ" އާއި "ހަންބަންޓޮޓާ" ފަދަ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ. 2022 ވަނަ އަހަރު އިޤްތިޞާދު ފޭލްވުމާ ގުޅިގެން، ލަންކާގެ ރައްޔިތުން ދެކޭގޮތުގައި ބޭރުގެ ފައިސާއިން ހިންގާ މިފަދަ ބޮޑެތި މަޝްރޫޢުތަކަކީ ވައްކަމާއި، ޚިޔާނާތާއި، ޤައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެކެވެ.

2017 ވަނަ އަހަރު، ބޮޑުވަމުންދިޔަ ދަރަނީގެ ކާރިސާއާ ގުޅިގެން، ސްރީލަންކާއިން ވަނީ މުހިންމު ހަންބަންޓޮޓާ ބަނދަރުގެ ހިންގުން 99 އަހަރުގެ މުއްދަތަކަށް ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އޭގެ ދިހަވަރަކަށް އަހަރު ފަހުން، ލަންކާގައި ޗައިނާގެ އިންވެސްޓްމަންޓްތަކާ ގުޅިގެން އޮތް ސިޔާސީ މަސްރަޙު މިވަނީ އަނެއްކާވެސް ކުރީގެ ހާލަތަށް އެނބުރި ގޮސްފައެވެ.

އިޤްތިޞާދީ ނާކާމިޔާބީއާއި ބޭރުގެ ދެފުށް ނުފެންނަ އެއްބަސްވުންތަކާ ދެކޮޅަށް ރައްޔިތުން ކުރި ވަރުގަދަ އިހުތިޖާޖުތަކާއެކު ވެރިކަމަށް އައި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ސަރުކާރަށް މިވަނީ، ކުރީގެ ސަރުކާރުތަކެކޭ އެއްފަދައިން ޗައިނާގެ ފައިސާއަށް ބަރޯސާވާންޖެހޭ ހަމަ އެ ބަލިކަށި ހާލަތާ ކުރިމަތިލާންޖެހިފައެވެ.

ނަމަވެސް، މިއަދުގެ މައްސަލައަކީ ހަމައެކަނި "ދަރަނީގެ މަޅި" ނުވަތަ ބައިނަލްއަޤްވާމީ ނުފޫޒުގެ ވާހަކައެއް ނޫނެވެ. ކޮލަމްބޯއަށް ކުރިމަތިވެފައިވާ އަސްލު ގޮންޖެހުމަކީ، ޤައުމުގެ ބަލިކަށި އިޤްތިޞާދީ ދިރުމަށް ބުރޫނާރާނޭ ގޮތަކަށް، ބެއިޖިންގާއެކު އޮތް އިޤްތިޞާދީ އަދި ސިޔާސީ ގުޅުންތަކުގެ މއްދާތައް އަލުން މުރާޖަޢާކުރެވިދާނެތޯ ނުވަތަ ނޫންތޯއެވެ.

ލަންކާގެ އިޤްތިޞާދީ ހަގީގަތް އަދިވެސް އޮތީ ވަރަށް ނާޒުކުކޮށެވެ. ޤައުމަށް ބޭރުގެ ފައިސާ އިންތިހާއަށް ބޭނުންވާއިރު، ބޭރުގެ ދަރަނި ބޮޑެވެ. އަދި ބޭރު ފައިސާގެ ރިޒާވް ދަށެވެ. ބޮޑެތި މަޝްރޫޢުތަކަށް ޚަރަދުކުރާނެ ފައިސާ ހުރީ ހަމައެކަނި ޗައިނާ އަތުގައެވެ. މި ސަބަބާހުރެ، ކުރީގެ އެއްބަސްވުންތައް ބަލާނެ ކަމަށް ބުނެ ކެމްޕޭން ކުރި ސަރުކާރުން، 2025 ޖެނުއަރީ މަހު ވަނީ ހަންބަންޓޮޓާގައި 3.7 ބިލިއަން ޑޮލަރުގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއް ހެދުމަށް ޗައިނާގެ "ސިނޯޕެކް" ކުންފުންޏާއެކު ވީ އެއްބަސްވުން އަވަސްކޮށްދީފައެވެ. މިއީ އެޤައުމުގެ ތާރީޚުގައިވެސް އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.

ހަންބަންޓޮޓާ ބަނދަރަކީ ލަންކާގެ މިނިވަންކަން ގެއްލި، ބޭރު ބަޔަކަށް ބަރޯސާވާންޖެހުމުގެ ދާއިމީ ނިޝާނެކެވެ. އައު ސަރުކާރަށް މިވަނީ މި ސިޔާސީ ބުރަ އުފުލަންޖެހިފައެވެ. ޗައިނާގެ ކޮންޓްރޯލް އޮންނަ މިފަދަ ތަންތަން ބެލެހެއްޓުން ހަރުދަނާކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. އަދި އައިއެމްއެފްގެ އެހީއާއެކު ޤައުމު އިޞްލާޙުކުރަން ފިޔަވަޅުތައް އަޅާއިރު، "ޕޯޓް ސިޓީ" އަށް ދީފައިވާ ޓެކްސްގެ ލުއިތައް ކަނޑާލުމަކީ އިންވެސްޓަރުން ޖެހިލުންވާނެ ކަމެކެވެ. ނަމަވެސް، ލަންކާގެ އުންމީދަކީ އިންޑިއާ ކަނޑުގެ މާލީ އަދި ކަނޑުގެ ދަތުރުފަތުރުގެ މަރުކަޒަކަށް ވުމެވެ. މިކަމަށްޓަކައި ޗައިނާއިން ހަދާފައިވާ ބިނާތައް މުހިންމެވެ. އެހެންކަމުން، ކެމްޕޭން ތެރޭގައި ބޭރު ޤައުމުތަކާ ދެކޮޅަށް ވާހަކަދެއްކިޔަސް، ވެރިކަމާ ހަވާލުވުމުން ފައިސާ ހޯދަން މަޖުބޫރުވެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ގިނަ ބަޔަކު ވިސްނަނީ ހަމައެކަނި އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އަސްކަރީ ނުފޫޒާ މެދުގައެވެ. ހަންބަންޓޮޓާ ބަނދަރު އޮތް ސަރަހައްދުގެ ސަބަބުން އެމެރިކާއާއި އިންޑިއާއިން ކަންބޮޑުވިޔަސް، ޗައިނާގެ ނުފޫޒު މިހާރު އޮތީ ހަމައެކަނި އަސްކަރީ ގޮތަކުން ނޫނެވެ. ޗައިނާގެ ކުންފުނިތައް ވަނީ ލަންކާގެ ހަކަތައާއި، ކޮންސްޓްރަކްޝަނާއި، އަދި ދިގު މުއްދަތުގެ މާލީ ދާއިރާތަކާ ވަރަށް ބޮޑަށް ގުޅިފައެވެ.

ކޮލަމްބޯއިން ބޭނުންވަނީ ޗައިނާއާއެކު އޮތް ގުޅުން ކަނޑާލާކަށް ނޫނެވެ. ނަމަވެސް، އެ ގުޅުންތަކަށް ބަދަލުތަކެއް ގެނައުމަށެވެ. ބައިނަލްއަޤްވާމީ ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރޭގައި، ސްރީލަންކާގެ އިޤްތިޞާދީ މުސްތަޤްބަލް ކަނޑައަޅާނީ ކޮން ބައެއްކަން ނިންމުމަކީ މިއަދު އެޤައުމަށް އޮތް އެންމެ ބޮޑު ބަހުސެވެ.

ހިއްސާ ކުރައްވާ!