ސްރީލަންކާގައި އޮންލައިން ޖުވާ ކުޅޭ ވެބްސައިޓުތައް ބަންދުކުރުން ފުޅާކޮށްފި

އޮންލައިންކޮށް ހުއްދަ ނެތި ޖުވާ ކުޅެވޭ ގޮތަށް ބޭނުން ކުރާ ވެބްސައިޓުތަކާ އެފަދަ ޙަރަކާތްތައް ހިންގާ އިތުރު 100 އަށް ވުރެ ގިނަ އޮންލައިން ވެބްސައިޓް ސްރީލާންކާއިން މަނާކޮށް ބްލޮކް ކޮށްފ ކަމަށް ސްރީލަންކާގެ ޑިޖިޓަލް އިކޮނޮމީ މިނިސްޓްރީން ހުކުރު ދުވަހު ހާމަކޮށްފިއެވެ.

ސްރީލަންކާގައި އޮންލައިންކޮށް ޖުވާ ކުޅުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. ނަމަވެސް، އެފަދަ ޚިދުމަތްދޭ ފަރާތްތަކުން ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީވެ، ސަރުކާރަށް ލައިސަންސް ފީ ދައްކަންޖެހެއެވެ.

މިދިޔަ ދެ ދުވަހު ސަރުކާރުން ވަނީ މިކަމުގައި އުޅޭ ބޮޑު 24 ވެބްސައިޓެއް ބަންދުކޮށްފައެވެ. އަދި މިހާރު ވަނީ ލައިސަންސާ ނުލައި ހިންގަމުންދިޔަ އިތުރު 98 ވެބްސައިޓެއް ބްލޮކް ކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި އެފަދަ ވެބްސައިޓުތަކުގައި އިންވެސްޓްކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެ އެ މިނިސްޓްރީން ވަނީ އިންޒާރުދީފައެވެ.

ސްރީލަންކާގެ ޓެލެކޮމް ޚިދުމަތްދޭ ފަރާތްތަކަށް ވަނީ މި މަނުކުރުން ވީ އެންމެ އަވަހަކަށް ތަންފީޒުކުރުމަށް އަންގާފައި ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ވީޕީއެން ސޮފްޓްވެއަރ ބޭނުންކޮށްގެން އަދިވެސް އެ ވެބްސައިޓުތަކަށް ވަދެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!