ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ދުނިޔޭގައި އެންމެ ފުޅާކޮށް ބޭނުންކުރާ އެއް ޕޭމަންޓް ޕްލެޓްފޯމް ބޭނުންކުރުމަށް ދިވެހިންނަށް ހުރި ދަތިތަކަށް ނިމުން ގެނެސްދިން ތާރީޚީ މުނަސަބާއެކެވެ. މިއާއެކު، ރާއްޖޭގެ ފްރީލާންސަރުންނާއި، އުފެއްދުންތެރިންނާއި، އަދި ކުދި ވިޔަފާރިތަކަށް ފުރިހަމައަށް އިންޓަގްރޭޓް ކުރެވިފައިވާ ސިސްޓަމެއް މެދުވެރިކޮށް، ބޭރުގެ ފަރާތްތަކުން ފުރަތަމަ ފަހަރަށް ފައިސާ ލިބޭނެ މަގު ފަހިވެގެން ދިޔައީއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މާލޭގެ ބާސެލޯ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޕޭޕަލް އަދި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚިދުމަތް ރާއްޖެއަށް ގެނެސްފައިވަނީ އުރީދޫ މޯލްޑިވްސްގެ "އުރީދޫ އެމް-ފައިސާ" ޕްލެޓްފޯމް މެދުވެރިކޮށެވެ. މިއީ ސަރުކާރާއި ޕޭޕަލްއާ ދެމެދު ކުރެވުނު ގިނަގުނަ މަޝްވަރާތަކެއްގެ ނަތީޖާއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިއީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުއްދުން ކަމަށެވެ.
"ތިޔަ ފަރާތްތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އަޅުގަނޑުމެން ދެއްކި ވާހަކަތައް އަޅުގަނޑު ހަނދާން އެބަހުރި،" ޒުވާން ވިޔަފާރިވެރިންނާއި އުފެއްދުންތެރިންނާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވިއެވެ. "ތިޔަ ބޭފުޅުންގެ ޑިޒައިންތަކާއި، ފަންނުވެރިކަމާއި، ވިޔަފާރިތަކާ ގުޅޭގޮތުން އިންތިހާއަށް ޝައުގުވެރިކަމާއެކު ވާހަކަދެއްކެވި. ނަމަވެސް، ފުން އަދި ވަރުބަލިކުރުވަނިވި މާޔޫސްކަމެއްގެ ވާހަކަވެސް ތިޔަ ބޭފުޅުން ހިއްސާކުރެއްވި."
މި ޚިދުމަތް ފެށުމަކީ ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0″ ގެ ޑިޖިޓަލް ތަރައްގީގެ މާރެސްގެ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ޑިޖިޓަލް އިގްތިސާދު ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަށް އިތުރުކުރުމެވެ.
ރައީސް ވިދާޅުވީ ޒުވާން ކްރިއޭޓަރުންނާއި ޒުވާން ވިޔަފާރިވެރިންނަށް ދިމާވި ދަތިތަކަކީ ދިވެހިންގެ ގާބިލުކަން ނެތުމުން ދިމާވި ކަމެއް ނޫން ކަމަށާއި، އެއީ އޮނިގަނޑުގެ ތެރޭގައި ހުރި ހުރަސްތަކެއް ކަމަށެވެ.
"ތިޔަ ބޭފުޅުންނަށް ބޭރަށް ފައިސާ ފޮނުވޭ، އެކަމަކު ފައިސާ ބަލައިގަންނަން އުނދަގޫ. ދުނިޔެއިން އެއްޗެހި ގަނެވޭ، އެކަމަކު ތިޔަ ބޭފުޅުންގެ ހުނަރު ދުނިޔެއަށް ވިއްކަން އުނދަގޫ. ތިޔަ ބޭފުޅުންގެ އަމާޒުތައް ހިފެހެއްޓުނީ ތިޔަ ބޭފުޅުންގެ ގާބިލުކަމާ އެއްވެސް ގުޅުމެއް ނެތް ނިޒާމީ ހުރަސްތަކެއްގެ ސަބަބުން. އެފަދަ ހުރަސްތައް މިއަދުން ފެށިގެން ނިމުމަކަށް އައީ." ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވިއެވެ.
މީގެ އިތުރުން، މާލޭގައި "ކްރިއޭޓާ ހަބް" އަށް އިމާރާތެއް ކުރަމުންދާ ކަމަށާއި، އެތަން މި އަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވާނެ ކަމަށް ވެސް ރައީސް އިއުލާން ކުރެއްވިއެވެ. އަދި އަތޮޅުތެރޭގައި ވެސް ލިޔެލާޖެހުމުގެ މަސައްކަތާއި އަދި އަތްތެރި މަސައްކަތްތަކަށް ޚާއްސަ މަރުކަޒުތައް ގާއިމުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތާއެކު، ގެސްޓްހައުސް ހިންގާ ފަރާތްތަކަށާއި، ޑައިވް ސުކޫލުތަކަށާއި، އަތްތެރި މަސައްކަތްކުރާ ފަރާތްތަކަށާއި ފްރީލާންސަރުންނަށް ބޭރުން ފައިސާ ސީދާ އެކައުންޓަށް ލިބޭނެ ކަމަށެވެ. "ޖިއޮގްރަފީގެ ސަބަބުން ތިޔަ ބޭފުޅުންގެ އިގްތިސާދީ ކުރިއެރުމަށް ދެން އިތުރު ހުރަހެއް ކުރިމަތި ނުވާނެ،" ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ ރައީސުމްޖުމްހޫރިއްޔާ ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުރިއަށް ގެންދެވި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިއާއެކު ގައުމީ އިގްތިސާދު ވަރުގަދަވެ، ބޭރު ފައިސާ ލިބޭނެ އާ މަގުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރައީސް މުއިއްޒު ވަނީ 2026 ވަނަ އަހަރަކީ "ގައުމީ އުފެއްދުންތެރިކަމުގެ އަހަރު" ކަމަށް ކަނޑައަޅުއްވާފައެވެ.
މި ރަސްމިއްޔާތުގައި ޕޭޕަލްގެ އޭޝިއާ-ޕެސިފިކްގެ ނައިބު ރައީސް އަމީރު ވެލިއާނީ އާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި، އުރީދޫ ގްރޫޕްގެ ރީޖަނަލް ސީއީއޯ އަހުމަދު އައްނައީމާ އަދި އުރީދޫ ފިންޓެކް އިންޓަރނޭޝަނަލްގެ ސީއީއޯ މިރްކޯ ޖިއާކޯ ބައިވެރިވެވަޑައިގެންނެވިއެވެ.
