ސައިބާ ކުށްވެރިންގެ އާ މަރުކަޒަކަށް ސްރީލަންކާ: ބައިނަލްއަގުވާމީ ނެޓްވޯކުތައް ފުޅާވަނީ

ދެކުނު-އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ސައިބާ ކުށްތައް ހިންގާ ނެޓްވޯކުތަކާ ދެކޮޅަށް ތައިލެންޑާއި މިޔަންމާރުން އަދި ކެމްބޯޑިއާގެ ސަރުކާރުތަކުން ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅިގެން، އެ ނެޓްވޯކުތައް ސްރީލަންކާއަށް ބަދަލުވަމުންދާ ކަމުގެ  މައުލޫމާތުތަކެއް ފެންމަތިވެއްޖެއެވެ. ސްރީލަންކާގެ ފުލުހުންގެ އިސް އޮފިޝަލުންނާއި ބައިނަލްއަގުވާމީ މުހައްލިލުން ފާހަގަކުރައްވާ ގޮތުގައި، ސްރީލަންކާ މިހާރު މިވަނީ ބައިނަލްއަގުވާމީ ސައިބާ ކުށްވެރިންގެ އާ މައި މަރުކަޒަކަށް ބަދަލުވަމުންނެވެ. މި ގްރޫޕުތަކުން އަމާޒުކުރަނީ މުޅި ދުނިޔެއަށް ފަތުރާލާފައިވާ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސެކޭމްތައް ހިންގުމުގެ ޖަރީމާތަކަށެވެ.

މި ކުށްވެރިންނަށް ސްރީލަންކާ ކަމުދާ މައިގަނޑު ސަބަބުތަކަކީ:

  • ޓޫރިސްޓް ވިސާގައި ފަސޭހައިން އެތެރެވެ، ގިނަ ދުވަހު މަޑުކުރެވޭނެ އިންތިޒާމުތައް ހުރުން.
  • މަތީ ފެންވަރުގެ އިންޓަނެޓް ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުން.
  • ސައިބާ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ހުރި ހުރަސްތަކާއި، ކުށްތައް ދެނެގަތުމުގެ ގާބިލުކަން ލިމިޓެޑްވުން.

ފުލުހުންގެ ރެއިޑްތަކުން އެނގޭ ގޮތުގައި، މި ކުށްވެރިން މިހާރު މަސައްކަތްކުރަނީ ކުރިއާ ޚިލާފަށް ކުދިކުދި ގްރޫޕްތަކަކަށް ބެހިގެންނެވެ. އެމީހުން 3 މަހުން 3 މަހުން ހޮޓާތަކާއި، އެޕާޓްމަންޓްތައް ބަދަލުކުރަމުން ދަނީ ފުލުހުންގެ ސަމާލުކަމަށް ނާދެވޭ ގޮތަށެވެ. އެމީހުންގެ މައިގަނޑު މަސައްކަތަކީ އިންވެސްޓްމަންޓް ސްކޭމްތަކާއި، ވަޓްސްއެޕް ފަދަ އެކައުންޓުތައް ހެކްކޮށްގެން ފައިސާ ހޯދުމެވެ.

2026 ވަނަ އަހަރު އެކަނި ވެސް 1,000 އަށްވުރެ ގިނަ މީހުން މިފަދަ ކުށްތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޗައިނާގެ ރައްޔިތުންނެވެ. ޗައިނާގެ އެމްބަސީން ވެސް ވަނީ މިކަމުގައި އެގައުމުގެ ރައްޔިތުން ބައިވެރިވާކަމަށް އެއްބަސްވެ، ސްރީލަންކާގެ ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ކުށްވެރިންގެ މި ހަރަކާތްތަކުގެ ސަބަބުން ސްރީލަންކާގެ މާލީ ނިޒާމަށާއި، ގައުމުގެ ބައިނަލްއަގުވާމީ އަގަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.

އެމެރިކާ އާއި ކެނެޑާ ފަދަ ގައުމުތަކުގެ ތަހުގީގީ މަރުކަޒުތަކަށް އަމާޒުކޮށް ޗައިނާގެ ހެކަރުން ދާދި ފަހުން ދިން ހަމަލާތަކަކާ ގުޅިގެން ވެސް ސައިބާ ސަލާމަތީ ކަންކަން ދުނިޔޭގެ ފެންވަރުގައި މިވަނީ ބޮޑު ކަންބޮޑުވުމަކަށްވެފައެވެ. ސްރީލަންކާގެ މި ހާލަތަކީ މި ގޮންޖެހުމުގެ އެއް ބައެވެ.

ހިއްސާ ކުރައްވާ!