މާލޭގެ މޭޔަރު އާދަމް އާޒިމް، ސަރުކާރާއެކު ބާއްވަވާ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަފުޅު ދައްކަވާ ކަމަށާއި، ދެން އެއްވެސް މުއާމަލާތެއް އަނގަބަހުން ނުކުރެއްވުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ނިންމަވައިފިއެވެ. މި ނިންމެވުން ވަޒީރު އިއުލާނު ކުރެއްވީ މޭޔަރު އާޒިމަށް ފޮނުއްވި ސިޓީއެއްގައެވެ.
ވަޒީރުގެ މި ސިޓީގައި، މޭޔަރު އާޒިމް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރައްވައިގެން ޙަގީގަތާ ޚިލާފު ވާހަކަތައް ފަތުރާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މާލޭގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ކައުންސިލްގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވައި، މީޑިއާގައި ވާހަކަދެއްކެވުމުގެ ބަދަލުގައި، ރަސްމީކޮށް ލިޔެކިޔުމުން ކަންކަން ހުށަހެޅުއްވުމަށް ވަޒީރު މޭޔަރަށް އިރުޝާދު ދެއްވިއެވެ.
މި މައްސަލަ އިތުރަށް ގޯސްވީ، މިދިޔަ ބުދަ ދުވަހު މޭޔަރު އާޒިމް، މިނިސްޓްރީ ހިންގާ ދަރުބާރުގެއަށް ވަޑައިގެން، ވަޒީރު ފިއްލަވައިގެން އުޅުއްވާ ކަމަށް ތުހުމަތު ކުރެއްވުމުންނެވެ. ނަމަވެސް، ސަރުކާރުން ބުނާ ގޮތުގައި، މޭޔަރު ލިޔުމުން ކުރައްވަން ޖެހޭ މުއާމަލާތްތައް ނުކުރައްވައި، ސަމާލުކަން ހޯދުމަށް މަސައްކަތް ކުރައްވަނީއެވެ.
މިހާރު ހުއްޓިފައިވާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ވިލިމާލޭ ހައުސިން މަޝްރޫއާއި، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ އިތުރުން އައު މަސްމާރުކޭޓު އެޅުން ހިމެނެއެވެ. ޚާއްސަކޮށް، މަސްމާރުކޭޓު އެޅުމަށް ބޭނުންވާ ބިން ދޫކޮށްދިނުމަށް މިނިސްޓްރީން ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް، ސިޓީ ކައުންސިލުން އެކަމަށް ޖަވާބެއް ނުދީ މަޝްރޫއު ދިގުލައިގެން ދިއުމަށް މެދުވެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫއުތައް ކުރިއަށް ނުގެންދެވި އޮތީ މޭޔަރުގެ އެއްބާރުލުން ނުލިބޭތީ ކަމަށް ސަރުކާރުން ތުހުމަތު ކުރާއިރު، މޭޔަރު އާޒިމް މިހާރު ގެންދަވަނީ ސަރުކާރާއެކު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުންނެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރަން ޓްރަސްޓެންގް މޯލްޑިވްސްއާ ހަވާލުކޮށްފި


