އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.

(މިއީ ފަލަސްޠީނުގެ ޒުވާން ޅެންވެރިޔާ ޑރ. އާލާ ޤަޠަރާވީގެ ލިޔުމެއްގެ ތަރުޖަމާ އެވެ.)

ޢަރަބިން ބުނެއެވެ. "ތިމަންމެންނަކީ ބަނޑުހައި ނުވަނީސް ނުކާ، އަދި ކައިފިނަމަ ބަނޑުފުރެންދެން ނުކާ ބައެކެވެ." މީގެ މާނައަކީ، ކެއުމުގެ އަސްލަކީ ބަނޑުހައިވުން ކަމަށާއި، ކޮންމެ ކަމަކަށް ވެސް ސަބަބެއް އޮތުން މުހިންމު ކަމެވެ.

މާތް ނަބިއްޔާ ﷺ ގެ ހަދީޘް ބަސްފުޅެއްގައިވެއެވެ.

ما ملأ ابنُ آدمَ وعاءً شرًّا من بطنِه حسْبُ ابنِ آدمَ أُكلاتٌ يُقمْنَ صلبَه فإن كان لا محالةَ فثُلثٌ لطعامِه وثلثٌ لشرابِه وثلثٌ لنفسِه أخرجه الترمذي
"އާދަމުގެ ދަރިޔާ ބަނޑަށްވުރެ ނުބައި އެއްޗެއް ފުރާފައެއް ނުވެއެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ މައިބަދަ ސީދާކޮށް ބެހެއްޓުމަށް (އެބަހީ: ހަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް) މަދު ކާއެތިކޮޅެއް ފުދެއެވެ. އެހެންނަމަވެސް، ކާން ޖެހިއްޖެނަމަ، (ބަނޑުގެ) ތިންބައިކުޅަ އެއްބައި ކެއުމަށް، އަދި ތިންބައިކުޅަ އެއްބައި ބުއިމަށް، އަދި (އަނެއް) ތިންބައިކުޅަ އެއްބައި ނޭވާލުމަށް ޚާއްސަކުރާށެވެ."

މިކަން އޮތީ ހަމައެކަނި ބަނޑުހައިވުމުގެ މާނައިގައެއް ނޫނެވެ. މިއީ ތިބާގެ ހަޔާތުގެ ކޮންމެ ކަމަކާ ގުޅުންހުރި ކަމެކެވެ. ތިބާ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ސަބަބެއް އޮންނަން ވާނެއެވެ. އަޅުގަނޑުމެންގެ ދީނީ މަންހަޖުގައި އެއްވެސް ކަމެއް ހިކުމެއް ނެތި ކުރާކަށެއް ނޯވެއެވެ.

އިންސާނާ ހެއްދެވީ އަޅުކަން ކުރުމަށެވެ. އެ އަޅުކަމުގެ އަސާސަކީ "ބިން އާރާސްތުކުރުމުގެ ޚަލީފާވެރިކަން" (އިސްތިޚްލާފް) ކަމަށްވާއިރު، އެއީ އިބްލީހުގެ ފަސާދަކުރުމުގެ މަންހަޖާ މުޅިން ޚިލާފު މަންހަޖެކެވެ.

އަޅުގަނޑުމެންގެ މި މަތިވެރި ދީނާމެދު ހައިރާންވާ ކަމަކީ، މިއީ ހޭލުންތެރިކަމާއި ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާތީއެވެ. މިދީނުގައި މާނައެއް ނެތް އެއްވެސް ލަފްޒެއް ނުވަތަ ބޭނުމެއް ނެތް އެއްވެސް އަމަލެއް ނުވެއެވެ.

ދީނުގައި ހޭލުންތެރިކަމަށް ދީފައިވާ އަހައްމިއްޔަތުގެ ބޮޑުކަމުން، އަމަލުތަކުގެ މަރުކަޒަކީ "ނިޔަތް" ކަމުގައި ވަނީ ލައްވާފައެވެ. އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.

عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ "إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى…"  رواه البخاري ومسلم
ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް ވަނީ އެ މީހަކު ނިޔަތްގަތް ކަމެކެވެ."

މިއީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އިންސާނާ ކުރާ ކޮންމެ ޢަމަލެއް ﷲގެ ޙަޟްރަތުގައި ޤަބޫލުވެގެން ދިއުމުގެ އަސްލަކީ އެ ޢަމަލެއްގެ ފަހަތުގައި އޮތް އިޚްލާޞްތެރި ނިޔަތް ކަމަށް މި ހަދީޘުން ދޭހަކޮށްދެއެވެ.

މިސާލަކަށް، ތިބާ މިސްކިތެއް ބިނާކޮށް ޞަދަޤާތެއް ކުރަން އުޅޭނަމަ، އެކަމުގެ ކުރިން ނިޔަތް ސާފުކުރާށެވެ. އެއީ އިޝްތިހާރު ވުމާއި ދެއްކުންތެރިކަމެއްތޯ، ނުވަތަ ވަކި ބޭނުމެއް އޮތް ކަމެއްތޯ ބަލާށެވެ. ނުވަތަ އެއީ، ހަމައެކަނި ﷲގެ ރުހުން ހޯދުންތޯ ބަލާށެވެ. ﷲއަށް ތިބާގެ މުދަލެއް ބޭނުމެއް ނުވެއެވެ. އެކަލާނގެ ބޭނުންފުޅުވަނީ ތިބާގެ ނިޔަތާއި، ތިބާގެ ހިތާއި، ތިބާގެ އިޚްލާޞްތެރިކަމެވެ.

لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَـٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ ٣٧
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! (22:37)

ބަނޑުހައިވުމޭ ބުނުމުގެ މާނައަކީ، ކޮންމެ ކަމަކަށް ވެސް ސަބަބެއް ހޯދުމެވެ. އިންސާނާ އުފެއްދެވީ މަލާއިކަތުންނާއި ޖިންނީންނަށްވުރެ މަތިވެރި މަގާމެއްގައެވެ.

ވީމާ، ﷲގެ ކޮންމެ އަމުރަކީ އިންސާނާގެ އެ މަތިވެރިކަން ދަމަހައްޓައިދޭ އަމުރެކެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ކަރާމާތަކީ، އޭނާގެ ޝަހުވަތްތަކާއި ޖާޒްބާތުތަކުގެ މައްޗަށް އޭނާގެ "ހޭލުންތެރިކަން" ދެމެހެއްޓުމެވެ.

ހޭލުންތެރިކަން ފޭދިގެންދާ އެންމެ ނުރައްކާތެރި ކަމަކީ "ނުބައި އެކުވެރިން" އެވެ. "ތިމަންމެންގެ ހަނދުމަކުރުމުން ހިތް ޣާފިލުކޮށް، އަމިއްލަ އެދުމަށް ތަބާވި މީހަކަށް ތިބާ ކިޔަމަން ނުވާށެވެ."

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
الْكَيِّسُ مَنْ دَانَ نَفْسَهُ، وَعَمِلَ لِمَا بَعْدَ الْمَوْتِ، وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا، وَتَمَنَّى عَلَى اللَّهِ رواه الترمذي
ހޭލުންތެރި، ބުއްދިވެރި މީހަކީ އަމިއްލަ ނަފްސު ހިސާބުކޮށް (ހަވާނަފްސު ކޮންޓްރޯލްކޮށް)، މަރުވުމަށްފަހު އޮތް ދުވަހަށް (އާޚިރަތަށް) އަމަލުކުރާ މީހާއެވެ. އަދި ނުކުޅެދިފައިވާ، ޣާފިލު މީހަކީ، އަމިއްލަ ނަފްސު އޭގެ ހަވާނަފްސަށް (އަމިއްލަ އެދުމަށް) ތަބާކޮށް، އަދި ﷲގެ ޙަޟްރަތުން (ނުކުރާ އަމަލުތަކަށް) އުންމީދު ކުރާ މީހާއެވެ. رواه الترمذي

ހަމައެފަދައިން، ހޭލުންތެރިކަން އިތުރުކޮށްދޭ އެންމެ މަތިވެރި ވަސީލަތަކީ ހެޔޮ އެކުވެރިންނެވެ. ހެޔޮ އެކުވެރިކަމުގައި ވެސް ނިޔަތް އޮންނަންވީ ﷲގެ ރުހުން ހޯދުމަށެވެ. ކޮންމެ ކަމެއްގައި ވެސް ﷲއަށް ބަރޯސާވެ، އެކަލާނގެއަށް ފުދިގެން ހުރުމަކީ އަޅަކު ﷲއާއެކު އޮންނަ އެންމެ މަތިވެރި ގުޅުމެވެ. އެއީ މާތްވެގެންވާ ކުޅަދުންވަންތަ ﷲއަށް ބަރޯސާވެ، އެކަލާނގެއަށް ފުދިގެން ހުރި އަޅެއްގެ ގޮތުގައެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، އެކަލާނގެ ރުހިވޮޑިގަންނަވާ މަގުން ހިނގުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި އަޅުގަނޑުމެންގެ މުދައްރިސު، މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

ފަލަސްތީނުގެ ޅެންވެރިޔާ އާލާ އަލްގަތްރަވީއަށް ފްރާންސުން ވިސާ ދޭން ދެކޮޅު ހަދައިފި

ހިއްސާ ކުރައްވާ!