މަސްވެރިކަމުގެ ސިނާޢަތް: މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ރައީސްގެ އަމާޒު

ރާއްޖޭގެ އިޤްތިޞާދީ ހަޔާތުގެ މައިބަދަ ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖަހައި، މަސްވެރިންނަށް ލިބިދޭ އަގު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށައިފިއެވެ. "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިފްކޯއިން މަސް ގަންނަ އަގު ކިލޯގްރާމަކަށް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ދާއިރާ އޮތް ހީނަރު ހާލަތުން އަރައިގަތުމަށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފްކޯގެ ހިންގުން ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުން މިހާރު ވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލުކުރެވިފައެވެ.

އެމަނިކުފާނު ވިދާޅުވީ 20 ރުފިޔާގެ ރޭޓުގައި އަގު ހިފެހެއްޓުމުގެ އިތުރުން، އެއަށްވުރެ މައްޗަށް އަގު ގެންދެވޭނެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މިފްކޯ މެދުވެރިކޮށް އަލުން މަސް ގަންނަން ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، މާލޭގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސް ރައްކާކުރުމުގެ ގާބިލުކަން 25،000 ޓަނަށް އިތުރުކުރުން

މަސްވެރިންނަށް އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަނޑުކޮށް ރައްކާކުރާނެ ފެސިލިޓީތައް މަދުވުމެވެ. މިކަމަށް ހައްލެއް ހޯދުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ބޮޑު މަޝްރޫއުތަކެއް ހިންގަމުންނެވެ.

މި މަޝްރޫއުތަކުގެ ތެރެއިން މިހާރު ހުރި 9،500 ޓަނުގެ ކެޕޭސިޓީ، 25،000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފައިފައިވެއެވެ. މިކަމުގެ ސަބަބުން ބާޒާރުގައި މަހުގެ އަގު ދަށް ދުވަސްވަރު މަސް ނުވިއްކާ، ރައްކާކޮށްފައި ބެހެއްޓުމުގެ ފުރުސަތު މަސްވެރިންނަށް ލިބި، ވާދަވެރިކަމާއެކު އެންމެ ރަނގަޅު އަގުދޭ ފަރާތަކަށް މަސް ވިއްކުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ކުރިން މި މަޝްރޫއުތައް ނިންމުމެވެ. އޭގެ ތެރޭގައި ތިނަދޫ، މުލައް، ކޫއްޑޫ، ފެލިވަރު، ފިޔޯރީ، ނިލަންދޫ، އަދި ފުނައްޑޫގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ހިމެނެއެވެ.

ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން، މަސްވެރިކަމުގެ ސިނާޢަތް ހީނަރުކަމުން ސަލާމަތްވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ދިވެހި އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ހިއްސާ ކުރައްވާ!