ޒުވާން މުސްލިމް އަންހެނުންގެ ލީޑަރޝިޕް ޕްރޮގްރާމެއް ފަށައިފި

ދުނިޔޭގެ 25 ޤައުމަކުން ޒުވާން މުސްލިމް އަންހެނުން އެއްވެ، ތުރުކީގެ ވެރިރަށް އަންކަރާގައި "އެލައި ފޯ ފިއުޗަރ: ޔަންގް މުސްލިމް ވިމެން ލީޑަރޝިޕް ޕްރޮގްރާމް" ފަށައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މުސްލިމް މުޖުތަމަޢުތަކުގެ ސަޤާފީ އަދި ފިކުރީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް، މުސްތަޤުބަލުގެ ޙައްލުތައް ހޯދުމަށް ޒުވާން އަންހެނުންގެ ލީޑަރޝިޕް ޤާބިލުކަން އިތުރުކުރުމެވެ.

މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، "އެލައި ފޯ ފިއުޗަރ" ގެ ބާނީ އަދި ނުން އެޑިއުކޭޝަން އެންޑް ކަލްޗަރ ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރ ޑރ. އަސްރާ އަލްބައިރަކް ވިދާޅުވީ، ދުނިޔޭގެ މައިގަނޑު ވާހަކަތަކުގައި ލީޑަރޝިޕް ދައްކާ އަންހެނުން ގިނަ ފަހަރަށް މަދު ކަމަށެވެ. މުސްލިމް އަންހެނުންނަކީ ހަމައެކަނި އަނިޔާ ލިބޭ ބައެއްގެ ގޮތުގައި ނުވަތަ ކުށްވެރިކުރެވޭ ބައެއްގެ ގޮތުގައި ދައްކާ ދެއްކުން އޭނާ ކުށްވެރިކުރެއްވިއެވެ.

ޣައްޒާގެ ހަނގުރާމައަށް އިޝާރާތްކުރައްވައި ޑރ. އަލްބައިރަކް ވިދާޅުވީ، ޤައުމުތަކުގެ ޗާޓުތައް ބަދަލުވަމުންދާ މިފަދަ ދަނޑިވަޅެއްގައި މުސްތަޤުބަލް ބައްޓަން ކުރުމުގައި ޒުވާން އަންހެނުން އިސްރޯލެއް އަދާކުރަންޖެހޭ ކަމަށެވެ. އަދި ލީޑަރަކީ ހަމައެކަނި މީހުންގެ ތައުރީފު ލިބޭ މީހާއެއް ނޫން ކަމަށާއި، ލީޑަރަކީ އެހެން މީހުންނަށް ކަންކަން އިލްހާމްކޮށްދީ ހެޔޮ ބަދަލުތައް ގެންނަ މީހާ ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓަރ މަހީނޫރު އޮޒްދެމިރު ގޮކްތާޝް ވިދާޅުވީ، މިއީ އިސްލާމީ ދުނިޔޭގައި އަންހެނުންގެ ލީޑަރޝިޕް ވަރުގަދަ ކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާރޓިފިޝަލް އިންޓެލިޖެންސް، މޫސުމީ ބަދަލުތައް، އަދި ހިޖުރަކުރުމުގެ މައްސަލަތަކާއި ފަޤީރުކަން ފަދަ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމެވެ.

މިނިސްޓަރ ވަނީ ޙިޖާބު އަޅާ އަންހެނުންނަށް އަމާޒުކޮށްދޭ ނަފްރަތުގެ ބަސްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މިއީ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ދެވޭ ހަމަލާއެއް ކަމަށާއި، މިފަދަ ވިސްނުންތައް މުޖުތަމަޢުގައި އާންމުވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ތުރުކީގައި އަންހެނުންގެ ބައިވެރިވުން ތަޢުލީމީ، އިޤްތިޞާދީ، އަދި ސިޔާސީ ދާއިރާތަކުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، 2002 ވަނަ އަހަރު 14 އިންސައްތައިގައި އުޅުނު ޔުނިވަރސިޓީ އަންހެން ދަރިވަރުންގެ ނިސްބަތް 2025 ވަނަ އަހަރު 53 އިންސައްތައަށް ވަނީ އިތުރުވެފައެވެ. އަދި ޤައުމުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ހާއްސަ ޕްލޭންތަކެއް ތަންފީޒު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!