މަޑަގަސްކަރަ އިން ހައްޔަރުކޮށްގެން ގެނައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު މިނިވަން ކުރުމަށް ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ ކުރީގެ ޖަސްޓިސް މިނިސްޓަރެއްގެ ދަރިކަލުން ރަކިތާ ރާޖަޕަކްޝޭ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ އެންޓި ކޮރަޕްޝަން އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، ރަކިތާ އެ މަސައްކަތް ކޮށްފައިވަނީ 2023 ވަނަ އަހަރު އިންޓަރޕޯލްގެ އެހީތެރިކަމާއެކު ލަންކާއަށް ގެނައި މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ނަދުއުން ޗިންތަކާ ރަކިތާ މިނިވަން ކުރުމަށް 500 މިލިއަން ރުޕީސް (1.5 މިލިއަން ޑޮލަރު) ގެ ރިޝްވަތެއް ނަގަން އެއްބަސްވެގެންނެވެ.
މި މުޢާމަލާތް ހިނގާފައިވަނީ ރަކިތާގެ ބައްޕަ، ވިޖޭދާސާ ރާޖަޕަކްޝޭ އެ ޤައުމުގެ ޖަސްޓިސް އެންޑް ޕްރިޒަން ރިފޯމްސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކަމަށް ވެއެވެ. ނަމަވެސް 2024 ވަނަ އަހަރު ބޭއްވި އިންތިޚާބުން އެ ސަރުކާރު ބަލިވުމާއެކު، އެ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ މިނިވަން ކުރުމުގެ މަސައްކަތް ކާމިޔާބު ނުވިއެވެ.

އެހެންނަމަވެސް، އެ މަސައްކަތް ހުއްޓުމުގެ ކުރިން ރަކިތާ ވަނީ ރިޝްވަތުގެ ގޮތުގައި 120 މިލިއަން ރުޕީސް (350،000 ޑޮލަރު) ނަގާފައިވާ ކަމަށް ބްރައިބަރީ ކޮމިޝަނުގައި ބުނެފައިވެއެވެ. ހަރަކް ކަޓާ މިހާރު ހުރީ ޝަރުޢީ ބަންދުގައެވެ.
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވާތުފިޔައިގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކޭ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ކޮރަޕްޝަންގެ މައްސަލަތަކުގައި ހައްޔަރުކުރި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ރަކިތާ ހިމެނެއެވެ.
ރަކިތާ އަކީ 2005 އިން 2022 އަށް ލަންކާގެ ވެރިކަމުގައި އޮތް، މިހާރު ވެރިކަމާ ގުޅުމެއް ނެތް ރާޖަޕަކްސަ ޚާންދާނުގެ ބޭފުޅެއް ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ. އެ ޚާންދާނުގެ ބައެއް ބޭފުޅުންގެ މައްޗަށް ވެސް މަނީ ލޯންޑްރިންގް އާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި ކަމުގެ ތުހުމަތުތަކެއް ކުރެވި، އެ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ.



