ކޮންގޯ ޓީމުގެ އެންމެ މަޝްހޫރު ސަޕޯޓަރަށް އެމެރިކާއިން ވިސާ ދޭން ދެކޮޅު ހަދައިފި

ޑީއާރް ކޮންގޯގެ ފުޓްބޯޅަ ޓީމުގެ އެންމެ މަޝްހޫރު ސަޕޯޓަރު ކަމަށްވާ މިޝޭލް ކޫކާ އެމްބޮލަޑިންގާ އަށް އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން، ވޯލްޑް ކަޕްގައި އޭނާގެ ޓީމު އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މުހިންމު މެޗު ބަލަން ނުދެވޭ ގޮތް ވެއްޖެއެވެ.

"ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ސަޕޯޓަރު ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް އައީ މި އަހަރުގެ ކުރީކޮޅު މޮރޮކޯގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގައެވެ. އޭނާގެ ހާއްސަ ސިފައަކީ ޑީއާރް ކޮންގޯގެ ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާގެ ހަނދާނުގައި، މެޗުތަކުގެ 90 މިނެޓު އެއްވެސް ހަރަކާތެއް ނެތި، ހުއްޓުން އަރާފައި ހުންނަ ކުރުމެވެ. މި ގޮތަށް އޭނާ ހުންނަނީ ކިންޝާސާގައި ހުންނަ ލުމުމްބާގެ ބުދުގައި އޭނާ ފެންނަ ގޮތަށް އަތް މައްޗަށް ނަގައިގެންނެވެ.

ޕެޓްރިސް ލުމުމްބާ

ޕެޓްރިސް ލުމުމްބާ (1925–1961) އަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (އޭރުގެ ބެލްޖިއަން ކޮންގޯ) ގެ ފުރަތަމަ ބޮޑުވަޒީރެވެ. އޭނާއަކީ އެފްރިކާގެ މިނިވަންކަމުގެ ހަރަކާތްތަކުގެ އެންމެ ވަރުގަދަ އެއް ލީޑަރެވެ. 1960 ވަނަ އަހަރު ކޮންގޯއަށް ބެލްޖިއަމްގެ އަތްދަށުން މިނިވަންކަން ހޯދައިދިނުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގައި، ހުޅަނގުގެ ގައުމުތަކުން އޭނާ ވެރިކަމުން ދުރުކޮށް، 1961 ވަނަ އަހަރު އަވަހާރަކޮށްލެވުނެވެ.

ލުމުމްބާގެ "ދަތް": ލުމުމްބާ އަވަހާރަކޮށްލިތާ އެތައް އަހަރެއް ފަހުން، އޭނާގެ ހަށިގަނޑުގެ ބާކީ ހުރި ކަމަށް ބެލެވޭ އެއްޗެއްގެ ގޮތުގައި ފެނުނީ އޭނާގެ ހަމައެކަނި ދަތެކެވެ. ލުމުމްބާ އަވަހާރަކޮށްލުމަށްފަހު، އެކަމުގައި ބައިވެރިވި ބެލްޖިއަމްގެ އޮފިސަރަކު ހަނދާނީ އެއްޗެއްގެ ގޮތުގައި އޭނާގެ ދަތެއް އަތުލީއެވެ. އެ ދަތް ބެލްޖިއަމްގައި ބާއްވައި އޮތުމަށްފަހު އާއިލާއިން މައްސަލަ ޖެއްސިތާ އެތައް އަހަރެއް ފަހުން 2022 ވަނަ އަހަރު، 61 އަހަރަށްފަހު، ބެލްޖިއަމް ސަރުކާރުން އެ ދަތް ރަސްމީކޮށް ކޮންގޯގެ ސަރުކާރާ ހަވާލުކުރިއެވެ. މިއީ އެފްރިކާގެ ތާރީހުގައި ހިނގި ވަރަށް ހިތާމަވެރި ނަމަވެސް، ލުމުމްބާގެ ޝަރަފު އަނބުރާ ހޯދުމުގެ ގޮތުން މުހިންމު ކަމެކެވެ.

ލުމުމްބާގެ ނަމުގައި މޮސްކޯގައި ހުންނަ ޔުނިވާސިޓީ ފްރެންޑްޝިޕް ޔުނިވާސިޓީ/ ޕެޓްރިކް ލުމުމްބާ ޔުނިވާސިޓިއަކީ ގިނަ ދިވެހިންނަށް ކިޔެވުމަށް ފުރުސަތު ލިބުނު ޔުނިވާސިޓީއެކެވެ!

އެމްބޮލަޑިންގާ ވޯލްޑް ކަޕަށް ދިއުން ލަސްވީ ޑީއާރް ކޮންގޯގައި ފެތުރެމުންދާ އެބޯލާ ރޯގާގެ ސަބަބުން ދަތުރުކުރުމުގެ ހުއްދަތަކަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. އޭނާ މީގެ ކުރިން މެކްސިކޯގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބަލަން ގޮސްފައިވީ ނަމަވެސް، އެޓީމު 32 ޓީމުގެ ބުރަށް ދިއުމަށް ވާދަކުރާ މުހިންމު މެޗު ބަލަން އެމެރިކާއަށް ދިއުމަށް ބޭނުންވާ ވިސާ އޭނާއަށް ލިބިފައެއް ނުވެއެވެ.

އެމެރިކާގައި ހުންނަވާ ޑީއާރް ކޮންގޯގެ ސަފީރު ކަޕިންގާ ޔެވޭޓް ންގާންޑޫ ވިދާޅުވީ، ކޮންގޯ ޓީމު ނޮކްއައުޓް ބުރަށް ހޮވިއްޖެ ނަމަ، އެމްބޮލަޑިންގާ އަށް ވިސާ ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އޭނާގެ މި ހާއްސަ ސަޕޯޓުގެ ސަބަބުން ޑީއާރް ކޮންގޯގެ ސަރުކާރުން ވަނީ އޭނާއަށް ހަތަރު ފުރޮޅުލީ އުޅަނދެއް ވެސް ހަދިޔާކޮށްފައެވެ. އެހެން ސަޕޯޓަރުންނާ ހިލާފަށް އޭނާ ފެންނަނީ އެއްވެސް އަޑުގަދަކުރުމެއް ނެތި، ވަރަށް ހިމޭންކޮށް ހުއްޓުން އަރާފައި ހުންނަތީ، މިއީ ފުޓްބޯޅަ ދަނޑުތަކުން ފެންނަ އެންމެ ތަފާތު މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް