Unsplash by Chris Karidis
Unsplash by Chris Karidis

ކުޑަ މަތިންދާބޯޓު ވެއްޓި މަރުވީ 11 މީހުން

ފްރާންސްގެ އިރުމަތީ ސަރަހައްދުގެ ޓޮމްބްލެއިން ކައިރިއަށް އާންމުން ދަތުރުކުރާ ކުޑަ މަތިންދާބޯޓެއް ވެއްޓި، ބޯޓުގައި ތިބި 11 މީހުން މަރުވެއްޖެއެވެ. މިއީ ފްރާންސުގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.

ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބުނީ، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 5 އިންސްޓްރަކްޓަރުންނާއި، 5 ދަރިވަރުންގެ އިތުރުން ބޯޓުގެ ޕައިލެޓް ކަމަށެވެ. އަދި މި ހާދިސާގައި ބޯޓުގައި ތިބި މީހުން ނޫން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެއެވެ.

ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ވެއްޓިފައިވަނީ ނޭންސީ އެސޭ އެރޯޑްރޯމްގެ ރަންވޭ ކައިރީގައި އޮތް ވިނަގަނޑަކަށެވެ. އެއީ މީހުން ދިރިއުޅޭ ސަރަހައްދަކާއި ދެ މަގަކާ ވަރަށް ކައިރީގައި އޮތް ތަނެކެވެ. ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ނޭންސީގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓާ އަމޯރީ ލަކޯޓް ވިދާޅުވީ މި ހާދިސާ ތަހުގީގުކުރުމަށްޓަކައި ފަންނީ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. ހާދިސާ ހިނގި ވަގުތު އެއާފީލްޑްގައި ތިބި ބޯޓުގައި ތިބި މީހުންގެ އާއިލާތަކަށާއި ހާދިސާ ދުށް މީހުންނަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ދިނުމުގެ މަސައްކަތްތައް ކޮށްފައި ވެއެވެ.

އެމަޖެންސީ ހިދުމަތްދޭ ފަރާތްތަކަށް އެ ސަރަހައްދަށް ވަނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދާ ކައިރިނުވުމަށް ފުލުހުން ވަނީ ސޯޝަލް މީޑިއާގައި އިލްތިމާސްކޮށްފައެވެ. ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރެން ނޫނޭޒް ވެސް އެތަނަށް ޒިޔާރަތްކުރައްވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!