ސްލާމްއާބާދު ފަހުމުނާމާގައިވާ ޝަރުތުތައް ފުރިހަމަ ނުކުރަނީސް، އެމެރިކާއިން ފޭރިގެންފައިވާ އީރާނުގެ ފައިސާތައް ދޫނުކުރާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު 'ނިއު ޔޯކް ޕޯސްޓް' އަށް މައުލޫމާތު ދެއްވައިފިއެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި، ހިލޭ އެއްވެސް އެއްޗެއް ނުދޭނެ ކަމަށާއި، ކޮންމެ ފައިސާއެއް ދޫކުރުން ވެސް ގުޅިފައިވަނީ ކަނޑައެޅިފައިވާ ވަކި މިންގަނޑުތަކަކާއި މަރުހަލާތަކަކާ ކަމަށެވެ. ނަމަވެސް މިއީ އަދި ފަހުމުނާމާގައި ބަޔާންވެފައިވާ ގޮތެއް ނޫނެވެ! އީރާނުން އެދެމުން އައީ ހިފެހެއްޓިފައިވާ ހުރިހާ ފައިސާއެއް އެއްފަހަރާ ދޫކުރުމަށެވެ. ނަމަވެސް، އެމެރިކާއިން ވަނީ އެކަމާ ދެކޮޅު ހަދައި، އެ ފައިސާތައް ދޫކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން، އެމެރިކާއިން މުދާ ސީދާ ސަޕްލައި ކުރާ ފަރާތްތަކަށް ކަމަށް ބުނެފައެވެ.
އެމެރިކާގެ ވިސްނުމަކީ، އީރާނުން ހުރުމުޒު ކަނޑުއޮޅި މިނިވަންކަމާއެކު ދަތުރުފަތުރުކުރެވޭ ގޮތް ހަދައި، އެތަނުން ނަގާ ޓެކްސްތައް ހުއްޓާލުމުން، ފިޔަވަޅުތަކަކާ އެކު ފައިސާތަކަށް ވާސިލުވުމުގެ ފުރުސަތު ދިނުމެވެ. އަދި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށްފިނަމަ، އިންސާނީ އެހީގެ ގޮތުން އެމެރިކާގެ މުދާ ގަތުމަށް އެ ފައިސާގެ ބައެއް ބޭނުންކުރުމުގެ ހުއްދަ ދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލްއަންޞާރީ ވިދާޅުވީ، އީރާނުގެ 6 ބިލިއަން ޑޮލަރު މިހާތަނަށް އީރާނަށް ފޮނުވާފައި ނުވާނެ ކަމަށެވެ.
މި މައްސަލައަކީ އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެންމެ ބޮޑަށް ހޫނުވެފައިވާ އެއް މައުޟޫއެވެ. އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމުގައި އީރާނުން ކުރިއެރުންތައް ހޯދާ މިންވަރަކުން، ފައިސާތައް ދޫކުރަމުން ދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ބުނެއެވެ.





