ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުޑަކުދިން ދެވިހިފާ ގޮތަށް ފަރުމާކޮށް، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ރައްޔިތުންނަށް މ ިހާރު ސާފުވެފައިވާ ކަމަށް ބުނެ، އެމެރިކާގެ 29 ސްޓޭޓަކުން ފޭސްބުކު ހިންގާ މެޓާ ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ ދަޢުވާ ބާތިލުކުރަން އެ ކުންފުނިން ހުށަހެޅި ހުށަހެޅުން އެމެރިކާގެ ކޯޓަކުން ބަލައިނުގަނެ، އެ ދަޢުވާ ކުރިއަށްގެންދަން ނިންމައިފިއެވެ.
ކެލިފޯނިއާގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު އީވޯން ގޮންޒާލޭޒް ރޮޖާސް، ހޯމަ ދުވަހުގެ ރޭ ނެރުއްވި 38 ޞަފްޙާގެ ރައުޔުގައި ވަނީ، މެޓާގެ މައްޗަށް ތުހުމަތުކުރެވޭ މަކަރާއި ހީލަތްތެރިކަމާއި، އިންސާފުވެރި ނޫން މުޢާމަލާތުތަކާއި، ކުޑަކުދިންގެ ޕްރައިވެސީ ހިމާޔަތްކުރުމާ ބެހޭ ފެޑެރަލް ޤާނޫނު ކޮއްޕާ އާ ޚިލާފުވި މައްސަލަތައް ބަލަން ޖެހޭނެ ކަމަށް ކަނޑައަޅުއްވާފައެވެ.
ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންގެ ޒާތީ ޚުސޫސިއްޔަތު ހިމާޔަތްކުރުމާ ގުޅޭ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި މެޓާ ފޭލްވެފައިވެއެވެ. ޚާއްޞަކޮށް، ބެލެނިވެރިންނަށް އެކަށީގެންވާ ގޮތަކަށް މަޢުލޫމާތު ދީ، އެމީހުންގެ ރުހުން ހޯދުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލަ ހުށަހެޅި ސްޓޭޓްތަކުން ބުނާ ގޮތުގައި، ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް ކަމަށްވާ ޑިޕްރެޝަން، އެންޒައިޓީ، އަދި ނިދަން އުނދަގޫވުން ފަދަ ކަންކަން އިތުރުވެ، ދިރިއުޅުމުގެ ކަންކަމުން މާޔޫސްވެ ތަޢުލީމަށް ނޭދެވޭ އަސަރު ކުރަމުންދެއެވެ. ބައެއް ހާލަތްތަކުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލަ ފުރާނަ ދުއްވާލުން ފަދަ ހިތާމަވެރި ހާދިސާތައް ވެސް ހިނގަމުންދާ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.
މި ތުހުމަތުތައް ދޮގުކުރަމުން މެޓާއިން ބުނަނީ، އެމީހުންގެ ޕްލެޓްފޯމްތަކަކީ ޢާންމުކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށް ހަދާފައިވާ ތަންތަން ކަމަށާއި، 13 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްފައިވާ ތަންތަން ނޫން ކަމަށެވެ. އަދި 'ސޯޝަލް މީޑިއާ އެޑިކްޝަން' އަކީ މެޑިކަލް ގޮތުން ބަލައިގަނެފައިވާ ނަފްސާނީ ބައްޔެއް ނޫން ކަމުން، އެމީހުންގެ ޕްލެޓްފޯމްތައް އެޑިކްޓިވް ނޫން ކަމަށް ބުނާ ބުނުމަކީ ދޮގު ވާހަކައެއް ނޫން ކަމަށް ބުނެ މެޓާއިން ދިފާޢުވެއެވެ.
ފަނޑިޔާރު ރޮޖާސް ވިދާޅުވީ، މެޓާގެ ޕްލެޓްފޯމްތައް ފަރުމާކޮށްފައިވަނީ ކުދިން އެތަންތަނަށް ދެވިހިފާ ގޮތަށްތޯ އާއި، އެ ކުންފުނިން އެކަން އޮޅުވާލާފައިވޭތޯ، އަދި ކުޑަކުދިންނަށް އަމާޒުކޮށް މި ޕްލެޓްފޯމްތައް ހިންގާފައިވޭތޯ ބެލުމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ.
މި މައްސަލައިގެ ޝަރީޢަތް މިހާރު ވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. މެޓާގެ އިތުރުން، ގޫގްލް، ޔޫޓިއުބް، ސްނެޕްޗެޓް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކާ ދެކޮޅަށް ވެސް ކުޑަކުދިންނަށް ގެއްލުން ދޭ ކަމަށް ބުނެ އެމެރިކާގައި ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.



