ރާއްޖޭގެ ބޭންކިން ދާއިރާގައި އާ އުސްމިންތަކަކަށް ދަތުރުކުރަމުން އަންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އަމާޒުކޮށް އާ ހިދުމަތެއް ކަމަށްވާ "ބީއެމްއެލް ސްޕްލިޓް ޕޭ" ތައާރަފުކޮށްފި އެވެ. މިއީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކަސްޓަމަރުންނަށް މީގެ ކުރިން ނުލިބޭ ފަދަ މާލީ ފަސޭހަކަމަކާއި އިހުތިޔާރެއް ފަހިކޮށްދޭ ހިދުމަތެކެވެ.
ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް، ކަސްޓަމަރުންގެ މާލީ ކަންކަން ރާވައި ބެލެހެއްޓުމަށް މަގުފަހިކޮށްދޭ މި ހިދުމަތުގެ ދަށުން، 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ ފައިސާ، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
އިންސްޓޯލްމެންޓަށް ނަގައިގެން މުސާރައިން ކަނޑާ ގޮތަށް މަހުން މަހަށް ދެއްކޭއިރު ބީއެމްއެލްއިން މިކުރީ ކޮން މޮޅު ކަމެއް ހެއްޔެވެ؟
މިއީ އަގުބޮޑު ތަކެތި ގަތުމާއި، ކުއްލިއަކަށް ކުރަންޖެހޭ ޚަރަދުތައް މެނޭޖްކުރުމުގައި ކަސްޓަމަރުންނަށް އޮތް ބޮޑު ތަކުލީފަކަށް ލިބުނު ފަރުވާއެކެވެ. ބޭންކުން ބުނާ ގޮތުގައި، އެމެރިކަން އެކްސްޕްރެސް، ވިސާ، ނުވަތަ މާސްޓަކާޑު ބްރޭންޑުގެ ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން ޕީއޯއެސް މެޝިންތަކުން ފައިސާ ދައްކާ ވަގުތު، އެ މުއާމަލާތް ވަގުތުން 'ސްޕްލިޓް ޕޭ' އަށް ބަދަލުކޮށްލެވޭނެ އެވެ. މިއީ މުޅިން ވެސް ޑިޖިޓަލްކޮށް، އެއްވެސް އިތުރު އުނދަގުލެއް ނެތި ކުރެވޭ ކަމެކެވެ.
މި ހިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގެންނަ މިފަދަ އީޖާދީ ބަދަލުތަކަކީ ބޭންކުގެ އަމާޒު ކަމަށެވެ.
"މި ޚިދުމަތުގެ ސަބަބުން ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
އާންމުކޮށް ގޭތެރޭގެ ސާމާނުތަކާއި، އިލެކްޓްރޯނިކްސް އަދި އެހެނިހެން އަގުބޮޑު ތަކެތި ގަތުމުގައި މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއްފަހަރާ ފައިސާ ދައްކަން ޖެހުމެވެ. ނަމަވެސް 'ސްޕްލިޓް ޕޭ' އާއެކު، އެ ފިއްތުންތައް ކުޑަވެ، މާލީ ގޮތުން ރޭވުންތެރިކަމާއެކު ދިރިއުޅުމަށް ފުރުސަތު ލިބިގެންދެ އެވެ.
ބީއެމްއެލްއިން އަންނަނީ މިފަދަ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، ބޭންކިން ހިދުމަތްތަކަކީ ކޮންމެ ކަސްޓަމަރަކަށްވެސް އަތްފޯރާ ފަށުގައި، އަދި އެންމެ ޒަމާނީ ގޮތެއްގައި ބޭނުންކުރެވޭނެ ކަންކަމަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ހިދުމަތަކީ އެ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.




