ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށްފައިވަނީ އޭ320 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް: ފައްޔާޒު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށްފައިވަނީ ބައިނަލްއަޤްވާމީ ފްލައިޓުތައް އޮޕަރޭޓްކުރެވޭނެ ފެންވަރަށް ކަމަށާއި، އެއީ އޭ320 މަރުކާގެ މަތިންދާބޯޓުތައް ޖެއްސޭނެ ފެންވަރުގެ އެއާޕޯޓެއް ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ސަރުކާރުން އެއާޕޯޓު ތަރައްޤީކުރި ގޮތާ ގުޅޭގޮތުން ހުރި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގިނަ ފަސިންޖަރުން ދަތުރުކުރާ މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓްތައް ބޭއްވުމަށް އެންމެ އެކަށީގެންވާ ބޯޓުތަކެވެ.

Airbus A320 aircraft, AI generated

ޝަޓަރ ސްޓޮކް

"ޔޫރަޕާއި ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް ކަނެކްޓިން ފްލައިޓްތައް މެދުވެރިކޮށް ހަނިމާދޫއަށް ދަތުރުކުރެވޭނެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ މިފަދަ 'ނެރޯބޮޑީ' އެއާކްރާފްޓްތަކުގައި،" ފައްޔާޒު ވިދާޅުވިއެވެ.

މިވަގުތު އޮތް ޑިމާންޑަށް ބަލާއިރު، "ވައިޑްބޮޑީ" ބޯޓުތައް ޖެއްސޭ ފެންވަރަށް ރަންވޭ ބޮޑުކުރުމަކީ އިޤްތިޞާދީ ގޮތުން އެންމެ ބުއްދިވެރި ނިންމުމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކުރިމަގުގައި އެ ޑިމާންޑު އުފެދޭ ދުވަހަކުން ރަންވޭ އިތުރަށް ބޮޑުކުރެވޭނެ ގޮތަށް ބިން ހަމަޖައްސާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫޢާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓްމަންޓުގެ އަގު އުފުލިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން، މި އެއާޕޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފުމަކީ އުތުރުގެ ތަރައްޤީއަށް މި ސަރުކާރުން އަޅާ ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ ދާއިރާތައް ފުޅާކުރުމަށްޓަކައި ހަނިމާދޫ އެއާޕޯޓަށް ބައިނަލްއަޤްވާމީ ފްލައިޓުތައް ގެންނަން ޖެހޭކަމަށް ފައްޔާޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!