ބަންދުކޮށްފައިވާ ކޮޓަރިއެއްގެ ތެރޭގައި ހިނގާ ކަންކަމަކީ، ގިނަ ފަހަރަށް ހަތަރު ފާރުގެ ތެރޭގައި ފޮރުވިފައި ހުންނަ ސިއްރުތަކެކެވެ. ނަމަވެސް، މާފައްނު ޕޮލިސް ސްޓޭޝަނުގެ ތެރޭގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ރެއެއްގައި ހިނގި ހާދިސާ، ސިއްރެއްގެ ގޮތުގައި ބޭއްވޭކަށެއް ނެތެވެ. އެއީ ހައްޔަރުކޮށްގެން ގެނައި މީހެއްގެ ހަޅޭކުގެ އަޑާއި، އޭނާގެ ހަމަށް އޮއްސާލި ހޫނު ފެނުގެ ރަހުމުކުޑަ ވާހަކައެވެ.
ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އިއްވި ހުކުމަކީ ހަމައެކަނި ވަޒީފާއަކުން ވަކިކުރި ފުލުހެއްގެ މައްސަލައެއް ނޫނެވެ. އެއީ މުއައްސަސާތަކުގެ ތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، އިންސާނީ ކަރާމާތް ނަގަހައްޓައި އިސްކުރުމަށް ކޯޓުން ނެރުނު ވަރުގަދަ ނިންމުމެކެވެ. އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ކޯޓުން ނިންމީ، އޭނާގެ އިހުމާލާއި، ކަން ހިނގި ގޮތް އޮޅުވާލަން އުޅުނު އުޅުން ހެކިތަކުން ސާފުކޮށް ފެންނަން އޮތުމުންނެވެ.
ފުލުހުންގެ އެތެރޭގެ ތަހުގީގަށް މި މައްސަލައިގެ ހަގީގަތް ކަށަވަރުކޮށްދިނީ ސީސީޓީވީ ކެމެރާތަކުގެ ފޫޓޭޖުންނެވެ. އެއީ ދޮގުކުރެވެން ނެތް، ހިތްދަތި މަންޒަރުތަކެކެވެ.
- ފުރަތަމަ މަންޒަރު: އަނިޔާ ލިބުނު މީހާ ރިސެޕްޝަން ކައިރީގައި ހުރި ގޮނޑިއެއްގައި އިންދާ، ފުލުހަކު ގަދަކަމުން އޭނާ ކެމެރާގެ މަންޒަރުން ބޭރަށް ގެންދެއެވެ.
- ދެވަނަ މަންޒަރު: އެހެން ފުލުހަކު ތިން ފަހަރެއްގެ މަތިން ތައްޓަކަށް ފެން އަޅައިގެން އެ ދިމާއަށް ދެއެވެ.
- ނިމުން: އެމީހާ ގަދަކަމުން ގެންދިޔަތާ އެންމެ ހަތަރު މިނެޓު ފަހުން އަލުން ކެމެރާއަށް އެރި އިރު، އޭނާ ހުރީ މުޅިން ތެމިފައެވެ. އަދި އޭނާގެ ކަނދުރާ ހުރީ ހޫނު ފެނުން ފިހި، ރަތްވެފައެވެ.
މި މައްސަލައިގައި ދައުވާކުރި ފުލުސް ސާޖަންޓް ބުނަމުންދިޔައީ އޭނާ އެތަނުގައި ހުރި ނަމަވެސް، އެއްވެސް މަންޒަރެއް ނުފެންނަ ކަމަށެވެ! ނަމަވެސް، ކެމެރާގެ އޭންގަލްތަކުން ސާފުކޮށް އެނގުނީ، އޭނާއަށް އެ އަނިޔާ ފެންނާނެ ކަމާއި، އޭނާ ވިސްނީ ހަގީގަތް ފޮރުވަން ކަމެވެ.
އެ ފުލުސް ކަލޭގެ ވަޒީފާއިން ވަކިކުރުމުން، އެއީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ގެއްލުނު މުސާރައާއި އިނާޔަތްތައް ހޯދަން ބޭނުްނވިއެވެ. އެ ފުލުސް މީހާ ސިވިލް ކޯޓަށް ދިޔައީ ޖުޑިޝަލް ރިވިއުއަކަށެވެ. އޭނާގެ އުންމީދަކީ އިޖުރާއީ ގޯސްތަކެއްގެ ފުރަގަހަށް ވަދެ، ކުށުން ސަލާމަތްވުމެވެ.
ނަމަވެސް، ގާޒީ އަހުމަދު އަބްދުލްމަތީން ކުރެއްވި ހުކުމުގައި ވަނީ، ފުލުހުންގެ މުއައްސަސާއިން އޭނާ ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމްކޮށްފައިވާ ކަމަށް ކަނޑައަޅުއްވާފައެވެ. ސިވިލް ކޯޓުގެ މި ނިންމުމަކީ، ދައުލަުތގެ ބާރާއި ނުފޫޒުގެ ދަށުގައި ތިބޭ ނިކަމެތިންނަށް ކުރެވޭ އަނިޔާގެ ކުރިމަތީގައި، ގާނޫނުގެ އައްޑަނަ ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބިދޭނެކަމުގެ ހެއްކެކެވެ.
"މިއީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ނޫން،" ކޯޓުގެ ހުކުމުގައިވެއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުގެ އެ ހަތަރު މިނެޓަކީ، ހަމައެކަނި އަނިޔާގައި ފިހިގެންދިޔަ ހަމެއްގެ ވާހަކައެއް ނޫނެވެ. އެއީ އިންސާފުގެ ކުރިމަތީގައި، ޔުނީފޯމެއްގެ ނިވާފަތްގަނޑަކުން ކުށްވެރިއަކު ސަލާމަތް ނުކުރެވޭނެކަން ސާބިތުކޮށްދިން ހަތަރު މިނެޓެވެ.




