މާލޭގެ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ބޮޑެތި ގެއްލުންތަކެއް ލިބި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.
މި ހާދިސާގައި އެ އެޕާޓްމަންޓްގެ ބައެއް ވަނީ އަނދައި ހުލިވެފައެވެ. އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ބޭނުންވެފައިވާ 58 މީހުންގެ ތެރޭގައި 24 ފިރިހެނުންނާއި، 30 އަންހެނުންގެ އިތުރުން 4 ކުޑަކުދިން ހިމެނެއެވެ.
އަލިފާނުގެ ސަބަބުން ފެތުރުނު ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދިނެވެ. ފުލުހުން ބުނީ، އޭގެ ތެރެއިން 18 މީހަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ. އަދި ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.






