ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުން ރަނގަޅެއް ނޫން: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް، އެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ޗެއާޕާސަންގެ މަގާމުގައި ހުންނަ ފަރާތަކަށް ރިޔާސީ ޓިކެޓަށް ވާދަނުކުރެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޗެއާޕާސަންގެ މަގާމުގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅިގެން، ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ނަޝީދު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ޗެއާޕާސަންގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ހިސާބުން ފެށިގެން، ރައީސް ނަޝީދު ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އައި ނަމަވެސް، އެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އިސްމާއިލް އެކަންޏެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ލަފާކުރެއެވެ.

ހިއްސާ ކުރައްވާ!