އަލީ ޚާމަނަނާއި ޒަމާނީ އީރާން އުފެއްދި އިގްތިސާދީ ފަލްސަފާ

އީރާނުގެ ސެންޓްރަލް ބޭންކް (ސީބީއައި) ގެ ކުރީގެ ގަވަރުނަރު ވަލީއުﷲ ސައިފް ވިދާޅުވި ގޮތުގައި، އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ ޚާމަނައީގެ އިޤްތިޞާދީ ވިސްނުންފުޅަކީ "ވެރިކަން ހިންގުމުގެ ފުރިހަމަ މަޤްޞަދެއް" ކަނޑައެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅެކެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއަށް ލިޔުއްވި ޚާއްޞަ މަޒްމޫނެއްގައި ސައިފް ބަޔާންކުރެއްވި ގޮތުގައި، ބާޒާރުގެ އިޤްތިޞާދީ އުސޫލުތަކާއި ޚާމަނައީގެ ފަލްސަފާއާ ދެމެދު ފުށުއެރުންތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް، ހަގީގީ ތަފާތު އުޅެނީ އިޤްތިޞާދީ އިލްމުގެ އަސާސްތަކުގައެއް ނޫނެވެ. އޭގެ ބަދަލުގައި ތަފާތަކީ އިސްކަންދޭ މަޤްޞަދުތަކުގެ ނުވަތަ އޮބްޖެކްޓިވް ފަންކްޝަންގެ ތަފާތެވެ.

ސައިފް ލިޔުއްވާފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ ގަރުނުގައި އިޤްތިޞާދީ ސައިންސް ވަނީ އުފެއްދުންތެރިކަމާއި ކުރިއެރުން ހޯދާނެ އަގުހުރި ވަސީލަތްތައް ދުނިޔެއަށް ދަސްކޮށްދީފައެވެ. ނަމަވެސް، އިޤްތިޞާދީ އިލްމަކީ އޭގެ ޒާތުގައި ވަކި މިޞްރާބެއް ކަނޑައަޅާ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ކަނޑައެޅިފައިވާ ލަނޑުދަނޑިއަކަށް ވާސިލުވާނެ "އެންމެ ހަރުދަނާ ގޮތް" ދައްކައިދޭ ވަސީލަތެކެވެ.

ވެރިކަން ހިންގުމުގެ ޒިންމާއަކީ އެ ލަނޑުދަނޑިތައް ކަނޑައެޅުމެވެ. ރަސްކަލެއް ނުވަތަ ވެރިއެއްގެ މައިގަނޑު ސުވާލަކީ ހަމައެކަނި ގައުމީ އުފެއްދުންތެރިކަމުގެ ޖީޑީޕީ މަތިކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ގައުމީ ސަލާމަތާއި، އިޖުތިމާއީ އަދާލަތާއި، ގައުމުގެ މިނިވަންކަމާއި، އަދި ސަގާފީ ސަލާމަތްތެރިކަން ހިފެހެއްޓުމުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމެވެ. އެހެންކަމުން، ވެރިކަން ހިންގުމުގެ އޮބްޖެކްޓިވް ފަންކްޝަން، ހަމައެކަނި އިޤްތިޞާދީ ފަންކްޝަނަށްވުރެ މާ ފުޅަލެވެ.

އަވަހާރަކޮށްލާފައިވާ ލީޑަރުގެ ބަޔާންތަކުން ފެންނަނީ އިޤްތިޞާދީ ކުރިއެރުމާއި، އަމިއްލަ ޕްރައިވެޓް ސެކްޓަރު ވަރުގަދަކުރުން މަނާ ކުރާ މަންޒަރެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކަންކަން ހާސިލުކުރަންޖެހެނީ އިޖުތިމާއީ އަދާލަތާއި، ގައުމީ މިނިވަންކަމާއި، އަދި ބޭރުގެ ނުފޫޒުތަކާއި  ހިސާރަކުރުން ތަކުން ސަލާމަތްވުމުގެ އިޤްތިޞާދީ ދެމެހެއްޓެނިވި ކެތްތެރިކަމުގެ ސިޔާސަތުތަކާ އެކުއެކީގައެވެ.

މިކަމަށް މިސާލެއް ދައްކަވަމުން ސައިފް ވިދާޅުވީ، ބޭރުން މުދަލެއް އިމްޕޯޓްކުރުން މާ އަގުހެޔޮވި ނަމަވެސް، އެއީ ގައުމުގެ ކާނާގެ ރައްކާތެރިކަމާ ފުޑް ސެކިއުރިޓީއާ ގުޅިފައިވާ ކަމެއް ނަމަ، ކުރު މުއްދަތެއްގެ މާލީ ގެއްލުމަށް ބެލުމެއްނެތި، އަމިއްލަ ގައުމުގައި އެ އެއްޗެއް އުފެއްދުމަށް އިސްކަންދޭން ޖެހިދާނެއެވެ. މިއީ އިޤްތިޞާދީ އިލްމާ ދެކޮޅުވުމެއް ނޫނެވެ. މިއީ ނިންމުން ނިންމުމުގައި ބަލާ މިންގަނޑުގެ ތަފާތެވެ. މިއީ ޒަމާނީ އީރާނު ބިނާ ކުރުމުގައި އަލީ ޚާމަނާއިގެ ފަލްސާފައެވެ. އަދި މިއަދު އެމެރިކާގެ ހިސާރާއެކު ވެސް އީރާނުން ސައިންސާއި ތެކްނޮލޮޖިއާއި އުފެއްދުންތެރިކަމުގައި ސާބިތުވެފައި ވަނީ މި ސަބަބާ ހެދިއެވެ. އީރާނަކީ އިސްލާމީ ދުނިޔޭގެ ސައިންސް ރިސާޗާއި އަމިއްލަ އީޖާދުގައި އެންމެ ކުރީގައި އުޅޭ ގައުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި، ސަރަހައްދީ ހަނގުރާމަތަކަށްފަހު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުންވެސް މިހާރު ހަމައެކަނި އިޤްތިޞާދީ ކުރިއެރުމުގެ ރޭޓަށް ބެލުން ހުއްޓާލައި، އިޤްތިޞާދީ ސަޕްލައި ޗެއިންގެ ރައްކާތެރިކަމަށް އިސްކަންދޭން ފަށާފައިވާކަން ސައިފް ފާހަގަކުރެއްވިއެވެ. އަދި މިކަމަކީ އަލީ ޚާމަނާއީ އީރާންގެ ގޮންޖެހުންތައް ހައްލުި ކުރެއްވުމަށް ބޭނުން ކުރެއްވި ވިސްނުން ކަމުގައި އޭނާ ލިޔުއްވައެވެ.

"އިޤްތިޞާދީ އިލްމުން ޖަވާބުދެނީ އިތުރު މުއްސަނދިކަމާއި ފާގަތިކަން އުފައްދާނީ ކިހިނެއްތޯއާ މެދު ކުރެވޭ ސުވާލަށެވެ. ނަމަވެސް ވެރިކަން ހިންގުމުގެ ނިޒާމުން ޖަވާބުދޭންޖެހެނީ އެ މުއްސަނދިކަމާއި ފާގަތިކަން ބޭނުންކުރާނީ ކޮން މަޤްޞަދެއްގައި، ކޮން ބަޔަކަށް ޚިދުމަތްކުރަންތޯ ކުރެވޭ ސުވާލަށެވެ." ސައިފް ލިޔުއްވައެވެ.

އެހެންކަމުން، އީރާނުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އެއްކޮޅުން އިޤްތިޞާދީ އިލްމުގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފަންޖެހޭއިރު، އަނެއްކޮޅުން އެ ވަސީލަތްތައް ބޭނުން ކޮށްފައި ވަނީ ގައުމުގެ ބޮޑެތި ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ކަމަށް ސައިފްގެ މަޒްމޫނުގައި ބަޔާންކުރައްވާފައިވެއެވެ.

ހިއްސާ ކުރައްވާ!