އެމެރިކާއަށް އެހީތެރިވާ ގަލްފުގެ ގައުމުތަކަކީ ހަނގުރާމައިގެ ބައިވެރިން: އީރާނު

މެދުއިރުމަތީގައި އެމެރިކާއިން ނުރައްކާ ކުރާއިރު އެމެރިކާގެ ސިފާއިންނަށް އެއްވެސް ފަދަ އެހީތެރިކަމެއް ނުވަތަ މަގުފަހިކޮށްދިނުމެއް ފޯރުކޮށްދޭ ގަލްފުގެ ގައުމުތަކަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގައި ސީދާ ބައިވެރިވާ ގައުމުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އީރާނުގެ ސިފައިން ހަރުކަށި އިންޒާރެއް ދީފިއެވެ.

އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ވަނީ، "އުދުވާނީ އެމެރިކާގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ އެއްވެސް އެހީތެރިކަމެއް އެއީ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވުން" ކަމުގައި ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކުގައި އެމެރިކާގެ ގިނައަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ޚާއްސަކޮށް ވައިގެ ތެރޭގައި ތެޔޮ އަޅައިދޭ ބޯޓުތައް ހަރަކާތްތެރިވަމުންދަނީ އެ ގައުމުތަކަށް ނުއެނގި ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަރަބި ގައުމުތަކުގެ ފަސްގަނޑު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެ ގަލްފުގެ ގައުމުތަކުން ބަޔާންތައް ނެރުނު ކަމުގައި ވީނަމަވެސް، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަން އީރާނަށް ރަނގަޅަށް އެނގޭކަން އެ ގައުމުތަކުން ދަންނަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!