އީރާނުގެ ހުޅަނގު ދެކުނުގައިވާ އެންމެ ދުވަސްވީ އަދި އެންމެ މުހިންމު އިސްލާމީ ބިނާތަކުގެ ތެރޭގައި ދެޒްފުލްގެ ޖާމިއު މަސްޖިދު ހިމެނެއެވެ. މި ތާރީޚީ މިސްކިތުން ދައްކުވައިދެނީ މި ސަރަހައްދުގެ މުއްސަނދި ސަގާފަތާއި އެތައް ގަރުނެއްވީ އިމާރާތްކުރުމުގެ ފަންނުވެރިކަމެވެ.
އާންމުކޮށް ސިޓީ އޮފް ބްރިކްސްގެ ނަމުން މަޝްހޫރުވެފައިވާ ދެޒްފުލް އަކީ، ގަލުވަޑާމުގެ މަސައްކަތަށް މަޝްހޫރު ރަށެކެވެ. އިސްލާމީ ދައުރުގެ ކުރީކޮޅު ބިނާކުރެވުނު މި ޖާމިއު މަސްޖިދަކީ، ސާސާނީ ދައުރުގެ އާސާރީ ސިފަތަކާއި ދެޒްފުލްގެ އަމިއްލަވަންތަ ބިނާވެރި ކަމުގެ ފަންނު އެކުވެގެން އުފެދިފައިވާ ފާހަގަކޮށްލެވޭ ރީތި މިސާލެކެވެ. ސަފަވީ އަދި ޤަޖާރު ދައުރުގައި މި މިސްކިތް މަރާމާތުކުރެވުނު ނަމަވެސް، އޭގެ އަސްލު ތާރީޚީ ސިފަ ވަނީ އަބަދުވެސް ހިފެހެއްޓިފައެވެ.
މިސްކިތުގެ މެދުގައި ބޮޑު ގޯއްޗެއް އޮންނައިރު، މައި ނަމާދުކުރާ ހޯލު އޮންނަނީ ދެކުނު ފަރާތުގައެވެ. އެ ބައި ބިނާކޮށްފައިވަނީ ހިލައިންނެވެ. މިސްކިތުން ފެންނަ ކުލަގަދަ ޓައިލްސްގެ މަސައްކަތްތަކަކީ ޤާޖާރު ދައުރަށް ނިސްބަތްވާ، ކޫފީ ލިޔުންތަކާއި ޖިއޮމެޓްރިކް ބައްޓަންތަކުން ފުރިގެންވާ ފަރުމާތަކެކެވެ. މިސްކިތުގެ މަތީގައި ރީތި ގުައްބެއް ހިމެނޭ އިރު، ކަނޑައިނަގައިގެން ތައްޔާރުކޮށްފައިވާ މިހްރާބަކީ މި ބިނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފަންނުވެރި މަސައްކަތެވެ.
މި މިސްކިތުގެ އެންމެ ޚާއްޞަ އެއް ސިފައަކީ ބިމުގެ އަޑީގައިވާ "ޝަވަދާން" ކޮޓަރިތަކެވެ. ދޮރުތަކެއް ނެތި، އެތެރެއިން ގުޅިފައިވާ މި ކޮޓަރިތައް ފަރުމާކޮށްފައިވަނީ ދެޒްފުލްގެ ގަދަ ހޫނުން ސަލާމަތްވުމަށެވެ. ދޭޒް ކޯރުގެ ކައިރީގައި ހަދާފައިވާ މި ކޮޓަރިތަކަށް ކޯރުގެ ސަބަބުން ގުދުރަތީ ފިނިކަމެއް ލިބެއެވެ.


މި ތަންތަނުގެ ބޯ ފާރުތަކުގެ ސަބަބުން ބޭރުގެ ހޫނު އެތެރެއަށް ނުވަދެ ހިފަހައްޓައިދެއެވެ. އަދި މިސްކިތުގެ ގޯތިތެރެއާއި ފުރާޅުން ބިމުގެ އަޑިއަށް ވަޔާއި އަލި ދައުރުވާނެހެން ހަދާފައިވާ ލޯވަޅުތަކަކީ، އީރާނުގެ ސަގާފީ އިންޖިނިއަރިންގްގެ މޮޅުކަން ދައްކުވައިދޭ ހެކިތަކެކެވެ. މި މިސްކިތް ވަނީ ނޮވެމްބަރު 1936 ގައި އީރާނުގެ ނޭޝަނަލް ހެރިޓޭޖް މޮނިއުމަންޓެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައެވެ.
ޚޫޒެސްތާން ޕްރޮވިންސްގައިވާ ދެޒްފުލް އަކީ މި ސަރަހައްދުގެ އެންމެ ދުވަސްވީ އެއް ސިޓީއެވެ. މި ރަށުގެ ނަން ނިސްބަތްވަނީ ސާސާނީ ރަސްގެފާނު ޝާޕޫރު ދެވަނަ، ދެޒް ކޯރު ހުރަސްކޮށް ބިނާކުރެއްވި ބްރިޖަށެވެ.







