އީރާނުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނުގެ ޤުމްގައި ބާއްވައިފިއެވެ. މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ސޮލީބީ ސަހުޔޫނީ ހަމަލާއެއްގައި އަވަހާރަކޮށްލި ޚާމަނާއީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި، ގައުމުގެ އެކި ކަންކޮޅުތަކުންނާއި ބޭރު ގައުމުތަކުން މިލިއަނުން މީހުން ވަނީ މި ސިޓީއަށް ޖަމާވެފައެވެ.
ޝީޢީ މުސްލިމުންގެ ދީނީ އިލްމީ މަރުކަޒެއްގެ ގޮތުގައި ބެލެވޭ ޤުމް ސިޓީގެ މަޝްހޫރު "ޖަމްކަރާން މިސްކިތް" އާއި އޭގެ ވަށައިގެންވާ ބޮޑެތި މަގުތައް ފަތިހުގެ ކުރިން ވަނީ ކަޅު ހެދުމުގައި ތިބި މީހުންނާއިގެން ފުރިބާރުވެފައެވެ. ބައެއް މީހުން އެތައް މޭލަކަށް ފައިމަގުގައި ދަތުރުކޮށްފައިވާއިރު، މުޅި ސިޓީގެ ހިންގުން އޮތީ ހުއްޓުމަކަށް އައިސްފައެވެ.
ޚާމަނާއީގެ ޖަނާޒާ ނަމާދު އިމާމުވެ ކުރެއްވީ އާޔަތުﷲ ޢަބްދުﷲ ޖަވާދީ އާމިލީއެވެ. މި ނަމާދުގައި އީރާނުގެ ސަރުކާރުގެ މަތީ ފެންވަރުގެ އޮފިޝަލުންނާއި، އަސްކަރީ ކޮމާންޑަރުންނާއި، ސަރަހައްދީ އެކި ޖަމާއަތްތަކުގެ ވަފުދުތައް ބައިވެރިވިއެވެ.
ނަމާދަށްފަހު، ޚާމަނާއީގެ ސަންދޯއް ހަޒްރަތު ފާތިމާ މަޢުޞޫމާގެ ޒިޔާތަރަށް ގެންދިއުމަށް ބޭއްވި ހިނގާލުމުގައި، މަގުތައް ސިފަވެގެންދިޔައީ އިންސާނުންގެ ބޮޑު ކަނޑެއްގެ ގޮތުގައެވެ. ހޫނުގަދަ ދުވަހެއް ނަމަވެސް، ވޮލަންޓިއަރުން ދިޔައީ ބައިވެރިންނަށް ފެނާއި ކާބޯތަކެތި ބަހަމުންނެވެ. ހިނގާލުމުގެ ބައިވެރިން ދިޔައީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި، ޚާމަނާއީގެ މިނިވަންކަމާއި ދިފާއީ ސިޔާސަތު ދަމަހައްޓާނެ ކަމަށް ހުވާކުރަމުންނެވެ.
ޤުމް ސިޓީގެ ކުރިން، ވެރިރަށް ތެހެރާންގައިވެސް ވަނީ އީރާނުގެ ފަހުގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު އެއްވުމާއެކު ބޮޑު ޖަނާޒާއެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ދައުލަތުގެ އެންމެ މަތީ ވެރިން ބައިވެރިވެވަޑައިގަތެވެ. ޚާމަނާއީގެ އިތުރުން، އެ ހަމަލާގައި ޝަހީދުވި އޭނާގެ އާއިލާގެ ބައެއް ބޭފުޅުންގެ ސަންދޯއްތައްވެސް އެ ހިނގާލުމުގައި ބައިވެރިކުރިއެވެ.
އީރާނުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި، މި ބޮޑު ކާރިސާއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ގައުމުގެ ވެރިކަން ބަދަލުވުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދިއުމުން ހާމަވަނީ އީރާނުގެ ސިޔާސީ ނިޒާމުގެ ވަރުގަދަކަމެވެ.
އީރާނުގެ ރަސްމިއްޔާތުތަކަށްފަހު، ޚާމަނާއީގެ ސަންދޯއް ދެން ގެންދިއުމަށް ހަމަޖެހިފައިވަނީ ބޯޑަރު ހުރަސްކޮށް ޢިރާޤުގެ ނަޖަފްއާއި ކަރުބަލާއަށެވެ. އެއަށްފަހު އެންމެ ފަހުން އީރާނުގެ މަޝްހަދުސިޓީގައި ހުންނަ އިމާމް ރިޒާގެ ޒިޔާރަތުގައި ފަސްދާނުލެވޭނެއެވެ.





