އެމެރިކާގެ އެންމެ ބޮޑު ރިޕަބްލިކަން ޕާޓީގެ ސަޕޮޯޓު ބޮޑު މަރުކަޒު ކަމަށްވާ ޓެކްސަސް ސްޓޭޓުގައި، ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ސިޔާސީ އާ ހަނގުރާމައެއް ފެށިއްޖެއެވެ. މިއީ ކުރިން 11 ސެޕްޓެމްބަރުގެ ހަމަލާތަކަށްފަހު ފެނިގެންދިޔަ ފަދަ "ބޭރުގެ ޓެރަރިޒަމާ" ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫނެވެ. މިއީ އެމެރިކާގެ އެތެރޭގެ ޤައުމީވަންތަކަމާއި، ސޮލީބީ ޤައުމީ ފިކުރުގެ މައްޗަށް ބިނާކޮށް، އެމެރިކާގެ މީހުންގެ ދިރިއުޅުން އަލުން ނަސްރާނީ ކުރުމަށް ފަށާފައިވާ ފާޅުކަންބޮޑު ސިޔާސީ ފިކުރީ ހަނގުރާމައެކެވެ.
މި ހަނގުރާމަ ފެނިގެންދިޔައީ ފެބްރުއަރީ 2025 ގައެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް، އީސްޓް ޕްލާނޯގެ އިސްލާމީ މަރުކަޒަކުން ހިންގަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ އިސްލާމީ ޝަރީއަތް ޓެކްސަސްގައި ފެށުމެއް ކަމަށް ސިފަ ކޮށް އެކަމާ ދެކޮޅަށް ނިކުތް ހިސާބުންނެވެ. މިއާއެކު، ސްޓޭޓުގެ 12 އިދާރާއަކުން އެ ބޯހިތާވަހި ކަމުގެ މަޝްރޫއާ ދެކޮޅަށް ތަހުގީގުތައް ފެށިއެވެ.
މި ހަމަލާތައް މިހާރު މިވަނީ އިތުރު ހަރުފަތަކަށް ގޮސްފައެވެ. ނޮވެމްބަރު މަހު، އެބޮޓް ވަނީ އެމެރިކާގެ މުސްލިމުންގެ އެންމެ ބޮޑު އިސްލާމީ މަދަނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ކަމަށްވާ 'ކެއާ' އަކީ "ބޭރުގެ ޓެރަރިސްޓް ޖަމިއްޔާއެއް" ކަމަށް ކަނޑައަޅައި، އެ ޖަމިއްޔާއަށް އެ ސްޓޭޓުން ބިން ގަތުން މަނާކޮށްފައެވެ. މިއާއެކު، ޓެކްސަސްގެ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ އެޖެންޑާގެ އެންމެ މުހިންމު އެއް ކަމަކީ "ޓެކްސަސް އިސްލާމީކުރުން ހުއްޓުވުން" ކަމަށް އޭނާ ވަނީ ކަނޑައަޅާފަ އެވެ.
ބްރިޓިޝް އިކޮނޮމިސްޓް މަޖައްލާއިން ފާހަގަކުރާ ގޮތުގައި، މިއީ އެމެރިކާގެ މުޖުތަމައުގެ މިނިވަން ސިޔާސީ ފިކުރުުގެ ހަޤީޤީ ސިފަ ބަދަލުވަމުން ދާތީ އެކަމުގެ ބިރުވެރިކަމުން އުފެދިފައިވާ ހަމަލާތަކެކެވެ. ގަވަރުނަރު އެބޮޓް އާއި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ފަދަ ފަރާތްތަކުން ވަކާލާތު ކުރަނީ އެމެރިކާއަކީ ސޮލީބީންގެ "ނަސާރާ ޤައުމެއް" ކަމަށާއި، އެކަން ދެމެހެއްޓެން އޮތީ ސޮލީބީ ފިކުރުގެ މީހުންގެ އަޣުލަބިއްޔަތު އޮވެގެން ކަމަށެވެ.
ސިޔާސީ މާހިރުންގެ ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 13 މަސް ދުވަހުގެ ތެރޭގައި 46 ރިޕަބްލިކަން އޮފިޝަލުން ވަނީ މުސްލިމުންނާ ދެކޮޅު 1100 އަށްވުރެ ގިނަ ޕޯސްޓު ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ. މިއީ ކުރީގެ ދުވަސްވަރާ އަޅާބަލާއިރު 15 ގުނަ އިތުރުވުމެކެވެ. އަދި އެމެރިކާގެ ސިޔާސީ ފަންތިން ދަނީ އިސްލާމޯފޯބިއާއަށް ހިތްވަރު ދެމުންނެވެ. މިކަމުގައި ޒަޔަނިސްޓުން ވާގިވެރިވާ އިރު މި ހަމަލާގެ އެންމެ ކުރީގައި އުޅެނީ އެމެރިކާ ރައީސެވެ.
ތަޢުލީމީ މަންހަޖު ބަދަލުކުރުން
މި ހަނގުރާމައިގެ އަސަރު މިހާރު ވަނީ ސްކޫލުތަކުގެ ތަޢުލީމީ މަންހަޖަށް ވެސް ފޯރާފައެވެ. ޖޫން މަހު ޓެކްސަސްގެ އެޑިއުކޭޝަން ބޯޑުން ވަނީ ސްކޫލުތަކުން "ދުނިޔޭގެ ސަގާފަތްތައް" ކިޔަވައިދޭ މާއްދާ އުވާލަން ފާސްކޮށްފައެވެ، އަދި އިސްލާމްދީނާ ގުޅޭ ގޮތުން ކަރިކިއުލަމްގައި ހިމަނާފައިވާ ބައިތަކަކީ "ޖިހާދީ ފިކުރުގެ ތަޢުލީމުތަކާއި މުސްލިމުންގެ ފަތަޙަ ކުރުންތައް" ކަމަށް ސިފަކޮށް އެ ގޮތަށް އެބައިތަކަށ ްނަން ދިނުމަށް ބަދަލުކޮށްފައެވެ.
މުސްލިމުންނާ ދެކޮޅަށް އިސްލާމޯފޯބިއާ ފެތުރިފައި ވަނީ މެދުއިރުމަތީގައި އަރަބި ގަލްފްގެ ޒަޔަނިސްޓު ފިކުރަށް ތަބާވާ ގައުމަކުން އެކަމަށް ފައިސާ ހޭދަކޮށް އިސްލާމީ ޝިއާރުތައް ފާޅު ކުރާ މުސްލިމުންނާ ދެކޮލަށް އެމެރިކާއާއި ހުޅަނގުގައި މީހުން ނިކުތުމަށް ހިތްވަރު ދިނުމުންނެވެ.
ޤާނޫނީ ކުރިމަތިލުންތައް
މި ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް ޤާނޫނީ ގޮންޖެހުންތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. ބައެއް ފެޑެރަލް ފަނޑިޔާރުން ވަނީ މިމީހުން މުސްލިމުންނާ ދެކޮޅަށް އަޅާ މި ފިޔަވަޅުތަކުގައި އެއްވެސް ހަޤީޤީ ހެއްކެއް ނެތް ކަމަށް ވިދާޅުވެ ސްޓޭޓު ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް، ޓެކްސަސްގެ ގާނޫނު ހަދާ މަޖިލީހުން މިވަނީ މި ހަނގުރާމަ އިތުރަށް ފުޅާކުރަން ތައްޔާރުވެފައެވެ.
"ޓެކްސަސް މޮޑެލް" އެހެން ސްޓޭޓުތަކަށް ފެތުރިއްޖެނަމަ، މުސްތަޤުބަލުގައި އެމެރިކާގެ ސިޔާސީ ދެބަސްވުމުގެ އެންމެ ބޮޑު އެއް މައްސަލައަކަށް "އިސްލާމްދީނާއި އެމެރިކާގެ އައިޑެންޓިޓީ" ވެގެންދާނެއެވެ.







