އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ހޯދުމަށް ކުރިއަށް ގެންދާ މަރުހަލާގެ ތެރެއިން، ތިން ކެންޑިޑޭޓަކާ އެކު ސަލާމަތީ މަޖިލީހުން ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތައް ނިންމާލައިފިއެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު އެއް ކެންޑިޑޭޓަކާ އެކު ބައްދަލުވުންތައް ބާއްވާނެ ކަމަށް ސަލާމަތީ މަޖިލީހުގެ ރައީސް ޒެނޯން ންގޭ މުކޮންގޯ ވިދާޅުވެއްޖެއެވެ.
ޖުލައި މަހު ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ، އދ. އަށް ކޮންގޯއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު މުކޮންގޯ ވިދާޅުވީ، މި ހަފުތާގައި މަޖިލީހުގެ މެންބަރުން ބައްދަލުކުރެއްވީ ސެނެގާލްގެ ކުރީގެ ރައީސް މަކީ ސޯލް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިޒްރޭލަށް ވާގިވެރިވާ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ، އަދި ގަޔާނާގެ ކުރީގެ ޚާރިޖީ ވަޒީރު ކެރޮލިން ރޮޑްރިގޭޒް-ބާކެޓްއާ ކަމަށެވެ.
"ބުރުންޑީން ހުށަހަޅާފައިވާ ކެންޑިޑޭޓެއް ކަމަށްވާ މަކީ ސޯލްއާ އެކު 7 ޖުލައި 2026 ގައި ސަލާމަތީ މަޖިލީހުގެ މެންބަރުން މަޝްވަރާތައް ބޭއްވި،" މުކޮންގޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އާޖެންޓީނާއިން ނޮމިނޭޓްކުރި ގްރޮސީއާ 7 ޖުލައިގައި، އަދި ގުޔާނާއިން ނޮމިނޭޓްކުރި ރޮޑްރިގޭޒް-ބާކެޓްއާ 9 ޖުލައިގައި މެންބަރުން ބައްދަލުކުރެއްވި ކަމަށެވެ.
މުކޮންގޯ ވިދާޅުވި ގޮތުގައި، ކޮންމެ ކެންޑިޑޭޓަކު ވެސް ވަނީ އދ. އާމެދު އެ ބޭފުޅުން ދެކޭ ގޮތް ހާމަކޮށް، އެ ޖަމިއްޔާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭގެ ފަހުން ސަލާމަތީ މަޖިލީހުގެ މެންބަރުންނާ އެކު އިންޓަރެކްޓިވް ބަހުސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
"ކޮންމެ ބޭފުޅަކާ އެކު ކުރެވުނު މަޝްވަރާތަކުގައި، އދ. އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުސަތުތަކާ ބެހޭގޮތުން ކެންޑިޑޭޓުންގެ ޚިޔާލުތައް ހުށަހެޅުއްވި. އޭގެ ފަހުން މެންބަރުންނާ އެކު ސުވާލުކޮށް ޖަވާބު ދިނުމުގެ މަރުހަލާއެއް ކުރިއަށް ދިޔަ،" މުކޮންގޯ ވިދާޅުވިއެވެ.
މުކޮންގޯ ވިދާޅުވީ، ސަލާމަތީ މަޖިލީހުން މި ވެރިން ހޮވުމުގެ މަރުހަލާ ކުރިއަށް ގެންދާނީ އދ. ގެ ޗާޓަރުގެ 97 ވަނަ މާއްދާއާ އެއްގޮތަށް އަދި 25 ނޮވެމްބަރު 2025 ގައި އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ރައީސުން ގުޅިގެން ނެރުއްވި ސިޓީގައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ.
"ސަލާމަތީ މަޖިލީހުން އާންމު މަޖިލީހަށް ހުށަހަޅަންޖެހޭ ލަފާ އެކަށީގެންވާ ވަގުތުގައި ހުށަހަޅާނަން. އެއީ އާ ސެކްރެޓަރީ ޖެނެރަލްއަށް މަޤާމާ ހަވާލުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ގޮތް ހެދުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.
މަޝްވަރާތައް ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ސުވާލުކުރުމުން މުކޮންގޯ ވިދާޅުވީ، މެންބަރުން ވަނީ އދ. އަށް ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައި ކަމަށެވެ. "ކޮންމެ މެންބަރަކު ވެސް އެއް ނުވަތަ ދެ ސުވާލު ކުރެއްވި،" އޭނާ ވިދާޅުވިއެވެ.
މުކޮންގޯ އިތުރަށް ވިދާޅުވީ، އަދި އެއް ކެންޑިޑޭޓަކާ މަޝްވަރާ ކުރަން ބާކީ އެބައޮތް ކަމަށާއި، އެއީ މާރިއާ ފެނާންޑާ އެސްޕިނޯސާ ގާސޭސް ކަމަށެވެ. "އެ ބޭފުޅާ މިހާރު މިތަނުގައި ނެތް، އެ މަޝްވަރާތައް 27 ވަނަ ދުވަހު ކުރިއަށް ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.
މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅާގެ ފަސް އަހަރުގެ ދައުރު ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ.




