އދ. ގެ އައު ސެކެޓްރީ ޖެނެރަލް އިންތިޚާބުކުރުމުގެ ރަސްމީ މަރުޙަލާ ފެށުމުގެ އެއް ހަފުތާ ކުރިން، އެ މަޤާމަށް ވާދަކުރައްވާ ހަ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ބަހުސެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ބަހުސް ކުރިއަށްދާނީ ރާއްޖެ ގަޑިން ހުކުރު ދުވަހުގެ މެންދަމު 2:00ގައެވެ. (ނިއުޔޯކް ގަޑިން ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ގައެވެ.) ޖެނެރަލް އެސެމްބްލީ ހޯލުގައި ބާއްވާ މި ޓައުން ހޯލް ފޯމެޓްގެ ބަހުސް، ބްލޫމްބާގުން މުޅި ދުނިޔެއަށް ބްރޯޑްކާސްޓްކުރާނެއެވެ.
މި ކެމްޕޭނުގައި ފާހަގަކޮށްލެވޭ ފޭވަރިޓަކު ނެތުމާއި، ހަޤީޤީ ފޯރިއެއް ނުފެންނާތީ، 90 މިނެޓުގެ މުއްދަތަކަށް ކުރިއަށްދާ މި ބަހުސްގައި ޑިޕްލޮމެޓުންނާއި، އދ. ގެ މުވައްޒަފުން އަދި މަދަނީ މުޖުތަމަޢުގެ މަންދޫބުން ކުރައްވާ ސުވާލުތަކަށް ކެންޑިޑޭޓުން ޖަވާބުދާރީވެވަޑައިގަންނަވާނެއެވެ. މިހާރު ހުންނެވި ސެކެޓްރީ-ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ބަދަލުގައި ދުނިޔޭގެ އިސް ޑިޕްލޮމެޓްގެ މަޤާމަށް ވާދަކުރައްވަނީ:
- ޗިލީގެ މިޝޭލް ބެކްލެޓް
- އެކުއެޑޯގެ މާރިއާ ފެނާންޑާ އެސްޕިނޯސާ
- އިޒްރޭލާއެކު ބަދަހިގުޅުމެއް ބާއްވާ އާޖެންޓީނާގެ ރަފައެލް ގްރޮސީ
- ކޮސްޓަރީކާގެ ރެބެކާ ގްރިންސްޕަން
- ގަޔާނާގެ ކެރޮލިން ރޮޑްރިގޭޒް-ބަރކެޓް
- ސެނެގާލްގެ މަކީ ސާލް
ޖެނެރަލް އެސެމްބްލީގެ ރައީސް ވިދާޅުވީ، "އދ. ގެ މި ޓައުން ހޯލަކީ… ދުނިޔޭގެ އެންމެ މުހިންމު އެއް މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ޚިޔާލުތަކާއި، އިސްކަންދޭ ކަންކަމާއި، ލީޑަޝިޕްގެ ތަސައްވުރާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ކަމަށެވެ.
އަދި އިތުރަށް އެކަމަނާ ވިދާޅުވީ، ބައިބައިވަމުންދާ މިފަދަ ދުނިޔެއެއްގައި، 21 ވަނަ ޤަރުނަށް ފެތޭގޮތަށް ޖަމުޢިއްޔާ ބައްޓަންކޮށްދޭނެ އިދާރީ އިސްވެރިއެއް އެކަނި ބޭނުންވަނީ ނޫން ކަމަށާއި، އދ. ގެ ޗާޓަރާއި ތިން ތނބު ވަރުގަދައަށް ދިފާޢުކުރަން އެދޭ މީހެއްގެ ލީޑަޝިޕާއި އަޤުލާޤީ ސިފަތައް ވެސް މި މަގާމަށް ބޭނުންވާކަމަށެވެ.
އދ. އަށް އެމެރިކާއާއި ބޮޑެތި ގައުމުތަކން ޗަންދާ ދިނުމަށް ފަސްޖެހުމާއި އެމެރިކާގެ ރައީސް އދގެ ދައުރު ކުޑަކޮށް އެ ޖަމުއިއްޔާގެ އަގު ވައްޓާލުމުން އދ ވަނީ ބޮޑު ކާރިސާއަކަށް ވެއްޓިފައެވެ. އެމެރިކާއިން ވަނީ އދ ބޮލާލައި ޖަހައި ދުނިޔޭގެ ސުލްޙަ ނަގާލާފައެވެ.
"މިފަހަރުގެ ވާދަވެރިކަން ފެންނަނީ ފޯރި ކުޑަކޮށް،" ކަމަށް އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕްގެ އެނަލިސްޓް ރިޗަޑް ގޯވަން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2016 ވަނަ އަހަރުގެ ކެމްޕޭނާ އަޅާބަލާއިރު މިއަހަރުގެ ރޭސް މާ ބޮޑަށްވެސް ފޯރި ކުޑައެވެ. "އެމެރިކާއާއި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެހެނިހެން ބާރުތައް ނުރުހިދާނެތީ ކެންޑިޑޭޓުން ނުހަނު ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅަމުންދާކަމުގެ އިޙުސާސެއް ކުރެވެއެވެ."
ކެންޑިޑޭޓުން ވަނީ އދ. ގެ މެންބަރު 193 ޤައުމުގެ މަންދޫބުން ކުރިމަތިކުރެއްވި ސުވާލުތަކަށް ކުރިން ޖަވާބުދެއްވާފައެވެ. އަދި ޖުލައި 30 ގައި ސެކިއުރިޓީ ކައުންސިލްގެ 15 މެންބަރުން، ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކު އިޚުތިޔާރު ކުރުމަށް ސިއްރު ވޯޓެއް ނަގާނެއެވެ.
އެއަށްފަހު، ފަސް ދާއިމީ މެންބަރުންގެ ވީޓޯއަކާ ނުލައި، އެކަށީގެންވާ ނުވަ ވޯޓު ކެންޑިޑޭޓަކަށް ލިބެންދެން މިފަދަ ވޯޓުލުންތައް ކުރިއަށްދާނެއެވެ. ހޮވޭ ކެންޑިޑޭޓެއްގެ ނަން ރަސްމީކޮށް އައްޔަންކުރުމަށްޓަކައި ޖެނެރަލް އެސެމްބްލީއަށް ފޮނުވާނެއެވެ. އައު ސެކެޓްރީ-ޖެނެރަލް މަޤާމާ ހަވާލުވެވަޑައިގަންނަވާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ.





