އެމެރިކާ، ރަޝިއާ އަދި އިޒްރޭލުގެ ދެކޮޅުވެރިކަމާއެކު ވެސް، ހިއުމަން ރައިޓްސް ކޮމިޝަނަރަކަށް ޓާކް

އދ. ގެ އާންމު މަޖިލީހުން ހުކުރު ދުވަހު ވަނީ އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވޯލްކާ ޓާކްގެ ދައުރު އިތުރު 4 އަހަރަށް އާކޮށްފަ އެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާ، ރަޝިއާ، އަދި އިޒްރޭލުން މިކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ.

މި ނިންމުން ފާސްކުރީ 144 ގައުމުގެ ވޯޓުންނެވެ. ދެކޮޅަށް 10 ގައުމަކުން ވޯޓު ދިންއިރު، 13 ގައުމަކުން ވަނީ ވޯޓު ދިނުމުން ދުރުހެލިވެފަ އެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހުށަހެޅުއްވި މި ހުށަހެޅުމާ އެއްގޮތަށް ޓާކްގެ އާ ދައުރު ފެށޭނީ 12 އޮކްޓޯބަރު 2026 ގަ އެވެ.

ރާއްޖެއިން ވަނީ ޓަރކްގެ ދައުރު ދެމެހެއްޓުމަށް ވޯޓުު ދީފިއެވެ. ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އޭޝިއާއިން އުތުރު ކޮރެއާއާއި، އެފްރިކާއިން ބުރުކިނާފާސޯ އަދި މާލީއާއި ނައިޖަރު އަދި ލެޓިން އެމެރިކާއިން އާރޖެންޓީނާއާއި ނިކަރާގުއާއި އަދި ޕެސިފިކުން ޓްްރިނާޑް ޓޮބޭގޯ ހިމެނެއެވެ.

މި ވޯޓުގެ ކުރިން، ޓާކްގެ ދައުރު ދިގުދަންމާލުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުމާއި، ވޯޓު ލުން ފަސްކުރުމަށް އެމެރިކާއިން އެދުނު އެދުން ވެސް އާންމު މަޖިލީހުން ވަނީ ބޭރުކޮށްފަ އެވެ.

އދ. ގައި އެމެރިކާގެ މަންދޫބު ޖެފް ބާޓޯސް މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގުޓަރޭސް މި މައްސަލަ އަވަސް އަރުވާލައިގެން ވޯޓަކަށް އެހީކަމަށާއި، މިއީ އިޖުރާއީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެމެރިކާއިން އެ ޖަމިއްޔާއަށް ދޭ އެހީތެރިކަމާއި ބައިވެރިވުން އަލުން މުރާޖައާ ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ފާޑުކިއުންތައް އަމާޒުވީ ކީއްވެ؟

ފޯލްކާ ޓާކްގެ ދައުރު އާކުރުމާ ދެކޮޅަށް ބައެއް ބޮޑެތި ބާރުތަކުން ތެދުވީ، އޭނާ ގެންގުޅުއްވާ މިނިވަން ސިޔާސަތުތަކުގެ ސަބަބުންނެވެ:

  • ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް އޭނާ ފާޑުވިދާޅުވުން.
  • ޣައްޒާގައި އިޒްރޭލުން ހިންގާ ޖެނޮސައިޑް ޖަރީމާތައް އޭނާ ކުށްވެރިކުރެއްވުން.
  • އެމެރިކާގެ އިމިގްރޭޝަން މަރުކަޒުތަކުގައި ހިނގާ ނަސްލީ ތަފާތުކުެުމުގެ މަރުގެ މައްސަލަތައް ތަހުގީގުކުރަން ގޮވާލެއްވުން.

ހިއުމަން ރައިޓްސް ވޮޗްގެ ބަސް

"ހިއުމަން ރައިޓްސް ވޮޗް" ގެ ޑިރެކްޓަރު ލުއިސް ޗާބޯނޯ ވިދާޅުވީ، ދުނިޔޭގައި އިންސާނީ ހައްގުތަކަށް ހަމަލާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޗައިނާ، ރަޝިއާ، އިޒްރޭލު އަދި އެމެރިކާ ފަދަ ބޮޑެތި ބާރުތަކުގެ ނުފޫޒަށް ބިރުނުގަނެ، ހައްގުތައް ހިމާޔަތްކުރާނެ ކެރޭ ކޮމިޝަނަރަކު ބޭނުންވާ ކަމަށެވެ.

ވޯލްކާ ޓާކް މި މަގާމާ ހަވާލުވެވަޑައިގަތީ އޮކްޓޯބަރު 2022 ގަ އެވެ. 1993 ވަނަ އަހަރު އުފެއްދި މި މަގާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި، ފާޑުކިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މަގާމެވެ.

ހިއްސާ ކުރައްވާ!