ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ނަސްލު ނައްތާލުމުގެ ހަނގުރާމަ މިހާރު ވަނީ ހަމައެކަނި މަތިންދާބޯޓުތަކުން އަޅާ ބޮންތަކާއި ބަޑީގެ ހަމަލާތަކުން ޖަލުތަކުގެ ފާރުތަކުގެ އެތެރެއަށް ފެތުރިފައެވެ. އިސްރާއީލުގެ ބަންދު މަރުކަޒުތަކާއި ޖަލުތަކަކީ ފަލަސްޠީނުގެ ރަހީނުންނާއި އަސީރުންނާއި ހައްޔަރުކޮށްފައިވާ މީހުން ނައްތާލުމަށް ބޭނުންކުރާ އިތުރު ނުރައްކާތެރި މައިދާނަކަށް ވެއްޖެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ހަނު ތިއްބާ، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ކުށްނެތް ރައްޔިތުންނާ މެދު ހިންގަމުންދަނީ އިންސާނިއްޔާތާ ޚިލާފު ބޮޑެތި ޖަރީމާތަކެކެވެ.
ޖަލުތަކުގެ ތެރޭގައި ހިންގާ ލާއިންސާނީ ޢަމަލުތައް
އިސްރާއީލުގެ ބަންދުގައި ތިބި ފަލަސްޠީނު މީހުންނަށް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހެނީ ބިރުވެރި ލާއިންސާނީ ތަޖުރިބާތަކާއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ނިޒާމީ ސިފައެއްގައި އަނިޔާކުރުން: ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކެތްނުކުރެވޭ ފަދަ ހަރުކަށި އަނިޔާތައް ދިނުން.
- ޖިންސީ ގޯނާކުރުން: އަސީރުންގެ ކަރާމާތް ނަގާލުމަށްޓަކައި ރޭވުންތެރިކަމާއެކު ހިންގާ ޖިންސީ ގޯނާގެ ޢަމަލުތައް.
- ބަނޑަށް ޖެއްސުން: އެކަށީގެންވާ ކާބޯތަކެތި ނުދީ، އަސީރުން ބަލިކަށިކޮށްލުން.
- ފަރުވާއިން މަހުރޫމް ކުރުން: ބަލިމީހުންނަށް ބޭނުންވާ ބޭސްފަރުވާ ގަސްތުގައި މަނާކުރުން.
މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ގިނަ އަދަދެއްގެ އަސީރުން ޖަލުތަކުގެ ތެރޭގައި ޝަހީދުވުމެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން، ކޯޓު މަރުޙަލާއަކާ ނުލައި، އެއްވެސް ކުށެއްނެތި ވބަގަށް ނަގާފައިވާ ރަހީނުން ބައިތިއްބާފައި ތިބޭ ޖަލުގެ ތެރޭގައި ޝަރީޢަތެއް ނެތް މަރުގެ އަދަބު ދީގެން ދަނީ މަރަމުންނެވެ.
މި ޖަރީމާތައް މިހާރު ހިންގަމުންދަނީ މުޅި ދުނިޔެއަށް ފެންނަ ގޮތަށެވެ. ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ތަކުރާރުކޮށް ބުނަމުންދަނީ، އިސްރާއީލުގެ ޖަލުތަކަކީ މިހާރު ނަސްލު ނައްތާލުމުގެ މައިގަނޑު އެއް މަރުކަޒު ކަމަށެވެ.
"އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނު މީހުން މަރަމުންދާއިރު، ބައިނަލްއަޤްވާމީ ނުވަތަ ސަރަޙައްދީ އެއްވެސް ޖަމާޢަތަކުން މިކަން ހުއްޓުވަން ޢަމަލީ ފިޔަވަޅެއް ނާޅައެވެ." ފަލަސްޠީނުގެ އިންސާނީ ހައްގަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ.
އިސްރާއީލުގެ ހަރުކަށި ސިޔާސީ ވެރިން، ޚާއްޞަކޮށް ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ޓެރަރިސްޓް އިތަމާރު ބެން-ގަވީރު ފަދަ މުޖުރިމުން ދަނީ ޖަލުތަކުގައި ތިބި ފަލަސްޠީނު މީހުންނަށް ދޭ އަދަބުތައް ހަރުކަށިކޮށް، އެމީހުންނަށް މަރުގެ އަދަބު ދެވޭނެ ފަދަ ޤާނޫނުތައް ފާސްކުރަން މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ޖަލުތަކުގެ ޙާލަތު އިތުރަށް ގޯސްވެ، ކުރިއަށް އޮތް ތަނުގައި މި ގަތުލުއާންމު އިތުރަށް ފުޅާވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި ޙާލަތަކީ ހަމައެކަނި އިންސާނީ ކާރިސާއެއް ނޫނެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފަށް، ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި އިސްރާއީލުން ހިންގަމުންދާ ނިޒާމީ ލޭއޮހޮރުވުމެކެވެ.






