ލަންޑަންގެ މިސްކިތްތަކަކަށް އަމާޒުކޮށް ހަމަލާއެއް ދޭން ރޭވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޒުވާނަކަށް އިނގިރޭސި ސަރުކާރުން ދައުވާކޮށްފިއެވެ. ލަންޑަންގެ މިސްކިތްތަކަކަށް އަމާޒުކޮށް ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި އިނގިރޭސި ފުލުހުން ހައްޔަރުކުރީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ މައްޗަށް "ޓެރަރިޒަމް" އާ ގުޅުންހުރި ކުށުގެ ދައުވާ އުފުލާފައިވެއެވެ.
ލަންޑަންގެ މެޓްރޮޕޮލިޓަން ޕޮލިހުން އާންމުކުރި ގޮތުގައި، މި ކުއްޖާގެ މައްޗަށް ދައުވާކޮށްފައިވަނީ ހައްދުފަހަނައަޅައިފައިވާ ކަނާތު ފިޔައިގެ ހަރުކަށި ފިކުރާ ގުޅިގެން "ޓެރަރިޒަމްގެ ޢަމަލެއް" ހިންގުމަށް ތައްޔާރުވަމުން ދިޔަ ކަމުގެ ތުހުމަތުގައެވެ.
"މިއީ ކުޑަ ކުއްޖެއްގެ މައްޗަށް އުފުލާފައިވާ ވަރަށް ސީރިއަސް ޓެރަރިޒަމްގެ ދައުވާއެއް. އަދި މިއީ އާންމުންނަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ މުޖުތަމަޢަށް ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދޭނެ ކަމެއް،" ލަންޑަންގެ ކައުންޓަރ-ޓެރަރިޒަމް ޕޮލިސިންގގެ ވެރިޔާ ހެލަން ފްލަނަގަން ވިދާޅުވިއެވެ.
ފުލުހުން ބުނީ، މިއީ ފުޅާ ދާއިރާއެއްގައި އޮތް ނުރައްކަލެއް ކަމަށް މިވަގުތަށް ނުފެންނަ ކަމަށެވެ. "މިކަމަކީ މުސްލިމް މުޖުތަމަޢަށް ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދޭނެ ކަމެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންކަމުން، މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، މުޖުތަމަޢަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްކިތްތަކާ ގުޅިގެން އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން،" ފްލަނަގަން ވިދާޅުވިއެވެ.
މެޓްރޮޕޮލިޓަން ޕޮލިހުން ބުނި ގޮތުގައި، މި ކުއްޖާ ހައްޔަރުކުރީ ޖުލައި 9 ވަނަ ދުވަހު އުޅަނދަކަށް ގެއްލުން ދިން މައްސަލައެއްގައެވެ. ނަމަވެސް، ފަހުން ކުރިއަށްގެންދިޔަ ތަހުގީގުތަކުގެ ތެރޭގައި ފެނުނު ލިޔެކިޔުންތަކުން، "ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގެ ނިޔަތުގައި ތައްޔާރުވުމުގެ" ދައުވާ އޭނާއަށް އުފުލަން ޖެހުނީއެވެ.
މިއީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ހިންގާފައިވާ ނުވަތަ ރާވާފައިވާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. މި ފާއިތުވި ހަފްތާގެ ކުރީކޮޅު ވެސް އިނގިރޭސި ފުލުހުން ވަނީ އިރުމަތީ އިންގްލެންޑުގެ ސަފޮލްކްގައި ބޭއްވި އިސްލާމީ ހަރަކާތަކަށް ހަމަލާދޭން ރޭވި ކަމަށް ތުހުމަތުކުރެވޭ 12 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިދިޔަ މަހު ސްކޮޓްލެންޑުގެ އެޑިންބަރާގައި މުސްލިމުންނާ ދެކޮޅަށް ހަމަލާދިން މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ.
ލަންޑަންގެ ދެކުނުގެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ނިކް ބްލެކްބަރން ވިދާޅުވީ، މިފަދަ ހާދިސާތަކުގެ ސަބަބުން މުސްލިމް މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް ނުބެލެވޭނެ ކަމަށާއި، އެ މުޖުތަމަޢަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.







