ބަޙްރައިންގެ މައި އިދިކޮޅު ޕާޓީ، އަލްވިފާޤް ނޭޝަނަލް އިސްލާމިކް ސޮސައިޓީން ބަޔާނެއް ނެރެ، އެ ޤައުމުގައި ޝީޢީ ޢިލްމުވެރިންނަށް އަމާޒުކޮށް ހިންގަމުންދާ ރޭވުންތެރި އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުއައްސަސާތަކުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ.
’ބަޙްރައިން މިރާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލްވިފާޤުން ބުނެފައިވަނީ އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ސިއްރު މަރުކަޒުތަކުގައި ޝީޢީ ޢިލްމުވެރިންނާ ދޭތެރޭ އަނިޔާވެރި ކަންހިންގައި ލަދުވެތި ގޮތްގޮތަށް ޢަމަލުކުރަމުންދާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ޝީޢީ ޢިލްމުވެރިންނާ މެދު ޢަމަލުކުރުމަށް މަތީ ފެންވަރުގެ އޮފިޝަލުންތަކެއްގެ ފަރާތުން މަޒުހަބީ ތަފާތު ކުރުމުގެ ޢަމުރުތަކެއް ނެރެފައިވާ ކަމުގެ މައުލޫމާތު އަލްވިފާޤަށް ލިބިފައިވާ ކަމަށެވެ. އަދި ދަންނަބޭކަލުންގެ ގައިގައި ތަޅައި އަނިޔާކުރުމާއި، މަލާމާތްކުރުމާއި، ބިރުދެއްކުމާއި، މަޖުބޫރުކޮށްގެން ކުށަށް އިއުތިރާފު ކުރުވުމާއި، އެހެނިހެން އަނިޔާގެ ޢަމަލުތައް ހިންގަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.
އަލްވިފާޤުން އިތުރަށް ބުނެފައިވަނީ، މަޝްހޫރު ބައެއް ޢިލްމުވެރިންނާއި ދީނީ މަދަރުސާތައް ހިންގާ ފަރާތްތަކަށް ސަލާމަތީ ފަރާތްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުރަގަހަށް އަތް ބަނދެ، މޫނު މުޅިން ނިވާކޮށް، ބޭސްފަރުވާއާއި އަރާމުކުރުމުގެ ފުރުސަތު ނުދީ، އަނިޔާތައް ދިނުން ހިމެނެ ކަމަށެވެ.
މި ބަޔާނުގައި އަލްވިފާޤުން ވަނީ ޝީޢީ ޢިލްމުވެރިންނަށް އަމާޒުކޮށް ހިންގާ މި ރޭވުންތެރި އަނިޔާތަކުގެ ޒިންމާ އިސްރޭލާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކާ ގާތް ގުޅުމެއް ބާއްވާ ބަޙްރައިންގެ ރަސްގެފާނާއި ބޮޑުވަޒީރު ސީދާ ގޮތެއްގައި އުފުލަންޖެހޭނެ ކަމަށް ބުނެފައެވެ.
އަލްވިފާޤުން ވަނީ އދ. އާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އިންސާނީ ހައްޤުތަކާ ބެހޭ އިދާރާތަކާއި، ސަރުކާރުތަކާއި އަދި އެހެނިހެން ކަމާބެހޭ މުއައްސަސާތަކުން، ބަޙްރައިންގެ ޝީޢީންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތަކާއި މަޒުހަބީ ތަފާތުކުރުންތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.






