ޚިޔާލަށް ގެންނަ ކަންކަން މިހާރު ރޮބޮޓުން ކޮށްދޭނެ

ހަމައެކަނި އިންސާނާގެ ސިކުނޑިން ރޮބޮޓެއް ކޮންޓްރޯލް ކުރެވޭނެ ގޮތެއް އޮވެދާނެއޭ ދުވަހަކުވެސް ހީކުރިން ހެއްޔެވެ؟ މިހާރު ފެންނަ ފެނުމަށް ބަލާއިރު އެއީ ކުރެވިދާނެ ކަމެކެވެ.

ޗައިނާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ބްރެއިންކޯ" އިން މިވަނީ "އެމްބޮޑިޑް އޭއައި" ޔައުނީ، ޖިސްމާނީ ނިޒާމެއްގެ ތެރޭގައި އަމިއްލައަށް ކަންކަން ދަސްކުރާ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ސިކުނޑިން ކޮންޓްރޯލްކުރާ މި އޭއައި ރޮބޮޓް ޕްލެޓްފޯމް ދައްކާލާފައިވަނީ އިއްޔެ ހުކުރު ދުވަހު ޗައިނާގެ ޝަންހާއީގައި ބޭއްވި ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް ގައެވެ.

ޗައިނާގެ މި ކުންފުނިން ބުނާ ގޮތުގައި މިއީ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ގުޑުވާނުލައި، ހަމައެކަނި ޚިޔާލުން ރޮބޮޓް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިދޭ، ދުނިޔޭގެ ފުރަތަމަ ލާމެހިފައިވާ "ބްރެއިން-ޓު-ރޮބޮޓް" ޕްލެޓްފޯމެވެ. އަދި މި ރޮބޮޓްގެ ހަރަކާތްތައް ކޮންޓްރޯލް ކުރަނީ ބޭނުންކުރާ މީހާ ބޮލުގައި އަޅާފައިވާ އިލެކްޓްރޯއެންސެފަލޯގްރާމް ތާކިހާގެ އެހީގައެވެ.

މި ޕްލެޓްފޯމް މަސައްކަތްކުރަނީ މި ތާކިހާ މެދުވެރިކޮށް ސިކުނޑީގެ ސިގްނަލްތައް ރެކޯޑްކޮށްގެންނެވެ. އެއަށްފަހު، އޭއައި އަލްގޮރިދަމްތައް ބޭނުންކޮށްގެން އެ ސިގްނަލްތައް މާނަކޮށް، އެ ޓެކްނޮލޮޖީ ބޭނުންކުރާ މީހާ ކުރަން އުޅޭ ކަންކަން ދެނެގަނެ، ކުނޑީގެ އިރުޝާދުތައް ރޮބޮޓްގެ ހަރަކާތްތަކަށް ބަދަލުކޮށްދެއެވެ.

މިސާލަކަށް، މީހާ ޚިޔާލަށް ގެންނަންވީ ތަށްޓެއް ހިފާށެވެ. މީހާގެ ސިކުނޑީގެ ސިގްނަލްތަކަށް ބަލައިގެން، ރޮބޮޓު ތަށްޓެއްގައި ހިގައި މީހާގެ އެ އެދުން ފުރިހަމަ ކޮށްދޭނެއެވެ.

ޗައިނާގެ މި އާ އުފެއްދުން މި ފެނުނީ، ދުނިޔޭގެ އެކި ކުންފުނިތަކުން އެންމެ ޒަމާނީ "އެމްބޮޑިޑް އޭއައި" ނިޒާމުތައް އުފެއްދުމަށް ބޮޑު ވާދަވެރިކަމެއްގައި އުޅެނިކޮށެވެ.

މިއީ އާޓިފިޝަލް އިންޓެލިޖެންސް ރޮބޮޓްތަކުގެ ތެރެއަށް ލައިގެން، އެއަށް ކަންކަން ދަސްކޮށްދިނުމާއި ވިސްނުމުގެ ގާބިލުކަން އިންދައި ދީ، ހަގީގީ ދުނިޔެއާ މުއާމަލާތްކުރުމުގެ ފުރުސަތު ހުޅުވައިދޭ ނިޒާމުތަކެކެވެ.

ބްރެއިންކޯއިން ބުނާ ގޮތުގައި އެ ކުންފުނީގެ ޕްލެޓްފޯމް، އެހެން ކުންފުނިތަކުން އުފައްދާ ރޮބޮޓް އަތްތަކާއި، އިންސާނުންގެ ސިފަޔަށް ހުންނަ ހިއުމަނޮއިޑް ރޮބޮޓްތަކާއި، އަދި ރޮބޮޓް ކުއްތާ ފަދަ ތަފާތު ހާޑްވެއާތަކާއެކު ބޭނުންކުރެވޭނެއެވެ.

ބްރެއިންކޯއަކީ ބްރެއިން-ކޮމްޕިއުޓަރ އިންޓަފޭސް ޔައުނީ، ސިކުނޑިއާއި ކޮމްޕިއުޓަރު ގުޅުވައިދޭ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ 2015 ވަނަ އަހަރު ޗައިނާގެ ހަންގްޒޫގައެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނުގައި އޭއައި އާއި ރޮބޮޓިކްސްގެ ދާއިރާއިން ނަން މަސްހޫރު ހަންގްޒޫގެ ހައި-ޓެކް ކުންފުންޏެކެވެ.

ބްރެއިންކޯއިން ޚާއްސަ ކަމެއް ދެނީ ހަށިގަނޑުގެ އެތެރޭގައި ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް އިންދުމަކާ ނުލައި ނުވަތަ ހަށިގަނޑަށް ބޭނުން އެއްޗެއް ނުފޮނުވައި ބޭރު ފުށުން ބޭނުން ކުރާ ޓެކްނޮލޮޖީތަކަށާއި އަދި މަސްނޫއީ ގުނަވަންތައް އުފެއްދުމަށެވެ.

އެކުންފުނިން ބުނާ ގޮތުގައި އެމީހުންގެ މި ޓެކްނޮލޮޖީގެ ހައްލުތަކުގެ ސަބަބުން، ރޮބޮޓިކްސް ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، ފެންވަރު ރަނގަޅު ޑޭޓާ މަދުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ.

ހަގީގީ ދުނިޔޭގެ ރޮބޮޓް ހަރަކާތްތަކާއި، އިންސާނުން ކަންކަން ކުރާ ގޮތް ރޮބޮޓަށް ދެއްކުމާއި، އަދި ވަރޗުއަލް ސިމިއުލޭޝަންގެ މަޖާޒީ ހަރަކާތްތައް އެއްކޮށްލުމުން، ރޮބޮޓްގެ ސިކުނޑިތަކަށް މާ މުއްސަނދި ޑޭޓާ ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

ހިއްސާ ކުރައްވާ!