2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބަށް ޗައިނާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ ބުނުންތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ތުހުމަތު ތަކުރާރު ކުރައްވައި، އެމެރިކާގެ އިންތިހާބީ ޑޭޓާގެ "އެންމެ ބޮޑު ހިޔާނާތް" ރޭވީ ބެއިޖިންގް އިން ކަމަށް ތުހުމަތު ކުރައްވައިފިއެވެ.
އެމެރިކާއަކީ އަމިއްލަ ރައްޔިތުންގެ ޑޭޓާ މެނޭޖު ކުރުމާއި ގައުމުގެ ޑިޖިތަލް ވަސީލަތްތައް ރައްކާތެރިކުރުމުގައި ނުކުލެދިފައިވާ ގައުމެކެވެ. 2020 ގެ އިންތިހާބަކީ ޑިމޮކްރެޓް ކެންޑިޑޭޓް ޖޯ ބައިޑަންއާ ވާދަކޮށް ޓްރަމްޕް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިންތިހާބެކެވެ.
"މި ހިތާމަވެރި ހާދިސާ އިތުރަށް ގޯސްވެގެންދަނީ، އަހަރެމެން މި އާންމުކުރާ ދެވަނަ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އަހަރެމެންގެ އިންޓެލިޖެންސް އިދާރާތަކުގައި ތިބިއަޑީ ދައުލަތުގެ މެންބަރުން ވަނީ، އިންތިހާބަށް ޗައިނާއިން ނުފޫޒު ފޯރުވި މިންވަރުގެ މައުލޫމާތުތައް ގަސްތުގައި ފޮރުވައި އޮއްބާލަން މަސައްކަތް ކޮށްފައިވާކަން. އެމީހުން މިކަން ރައީސަށާއި އެމެރިކާގެ ރައްޔިތުންނަށް ސިއްރުކުރި،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، 2020 ވަނަ އަހަރު އެމެރިކާގެ 18 ސްޓޭޓެއްގެ އެތައް މިލިއަން ވޯޓުލާ މީހުންގެ ރެޖިސްޓްރޭޝަން ފައިލްތަކުގެ ޑޭޓާ ޗައިނާއިން ގަނެ، ވަގަށް ނަގައި ނުވަތަ ހެކް ކޮށްފައިވާކަން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އެނގުނެވެ. ނަމަވެސް އެކަމުގެ އިންޒާރު ދޭންޖެހޭ ފަރާތްތަކުން އެ މައުލޫމާތު ސިއްރުކުރީއެވެ. ރައީސްގެ މަގާމުގައި އޭނާ ހުންނެވިއިރުވެސް އެކަން އަންގާފައިނުވާ ކަމަށާއި، ކޮންގްރެސްއަށްވެސް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕަކީ ދޮގު ވާހަކަ ފަތުރައި ހޮޅިވާހަކަތަކުން ހަގީގަތް އޮޅުވާލުމުގެ މާހިރެކެވެ.
މި ސިއްރުކުރުމަކީ "އިންތިހާއަށް ކަންބޮޑުވާންޖެހޭ" ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ފުރަތަމަ ދައުރުގެ ސަރުކާރާއި 2020 ގެ ކެމްޕޭން ބަލިކަށިކޮށްލުމަށް ޗައިނާއިން އިންތިހާބާ ގުޅުންހުރި އެހެން ހަރަކާތްތަކެއްވެސް ހިންގާފައިވާކަން އާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. މީގެ އިތުރުން ބެއިޖިންގް އިން މަސައްކަތް ކުރީ އޭނާ ދެވަނަ ދައުރަކަށް ހޮވުނަ ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"2018 ވަނަ އަހަރުގެ މެދުތެރޭގައިވެސް، އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތް ކުރި. އަދި އޭގެ ފަހުން 2020 ގެ ރިޔާސީ އިންތިހާބަށްވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރި،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕާއި އޭނާގެ ގައުމުގެ ނުކުޅެދުންތެރިކަމަށް ޗައިނާއަށް ބަދުނާމު ކުރުމުން އެމެިރކާގެ ނުކުލެދުންތެރިކަން ހާމަވާ ކަމަށް ދައްކައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް އެމެރިކާގެ އިންޓެލިޖެންސް އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިހާރު އަމުރުކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ އޮފީހާއި، ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އެފް.ބީ.އައި އަދި ސީ.އައި.އޭ ގުޅިގެން މިފަދަ މުހިންމު މައުލޫމާތުތަކެއް ސިއްރުކުރި ސަބަބު ހޯދުމަށާއި، އެކަމުގައި ބައިވެރިވި މީހުން ވަޒީފާއިން ވަކިކޮށް، ޖިނާއީ ދައުވާ އުފުލަންޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ގޮވާލައްވާފައެވެ.
ޓްރަމްޕް މިފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން މީގެ ކުރިން ހެދި އެސެސްމަންޓްތަކުން ދައްކާ ގޮތުގައި، 2020 ގެ އިންތިހާބުގެ ނަތީޖާއަށް ބަދަލުގަންނަން އެއްވެސް ބޭރު ގައުމަކުން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކި ފެންނާކަށް ނެތެވެ. ކަމާބެހޭ ޑިޕާޓްމަންޓްތަކުން ވަނީ ބޭރުގެ ސަރުކާރަކުން އިންތިހާބީ ނިޒާމު ކޮންޓްރޯލް ކުރި ކަމަށް ބުނާ ތުހުމަތުތަކާއި، ވޯޓު ބަދަލުކުރި ކަމަށް ބުނާ ވާހަކަތައް ތަހުގީގުކޮށް، އެފަދަ ކަމެއް ހިނގާފައިނުވާކަން ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ޗައިނާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ވޮޝިންގޓަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު ސީ.އެން.އެން އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޗައިނާއިން އަބަދުވެސް ހިފަހައްޓަނީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމުގެ އުސޫލު ކަމަށެވެ. އެމެރިކާގެ އިންތިހާބަކީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށާއި، އޭގެ ނަތީޖާ ކަނޑައަޅަނީ އެމެރިކާގެ ރައްޔިތުންގެ ވޯޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






