ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިންއަށް ބަދަލުތަކެއް ގެނެސް، ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ނިޒާމު އިތުރަށް ފަސޭހަކޮށްދީފިއެވެ.
މި އަޕްޑޭޓާ އެކު، ބޭންކުގެ ޗެޓްބޮޓް 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް އަވަސް ހައްލުތަކެއް ލިބި، ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ މަސައްކަތް ހަލުވިވެގެންދާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މި ބަދަލާ ގުޅިގެން، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި ކުރިން ބޭނުންކުރަމުން އައި މެސެޖިން ފީޗާ މެދުކަނޑާލާނެ ކަމަށް ބޭންކުން މައުލޫމާތު ދިނެވެ. މިއީ ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް އިތުބާރު ހުރި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

