އީރާނުން ބުނީ އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އެދިފައި ނުވާނެ ކަމށް

އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އެދިފައި ނުވާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް ތެހެރާނުން އެދިފައި ނުވާނެ ކަމަށެވެ.

"މިއީ ހަނގުރާމަ މެނޭޖްކުރުމެއް ނޫން. ތަކުރާރުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި، އެކަމާ މެދު ފަހުރުވެރިވުމަކީ ޒަޔަނިސްޓު ރެޖީމުގެ ނުފޫޒުގެ ދަށުން އެމީހުން އުފެއްދި ކާރިސާއަކުން ސަލާމަތްވުމަށް ކުރާ މަސައްކަތެއް. އެކަމުގެ އަގު އެމީހުން ކޮންމެހެން ވެސް ދައްކަން ޖެހޭނެ،" ތެހެރާނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަގާއީ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާތަކުގައި އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. އެމެރިކާއިން ދިން ހަމަލާތަކަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އަމާޒުކޮށް ތެހެރާނުން ވަނީ ހަމަލާތައް ދީފައެވެ.

ހިއްސާ ކުރައްވާ!