ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު އއ. އުކުޅަހަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ފަރާތުން އެ ދެކަނބަލުންނަށް ވަނީ ހޫނު މަރުހަބާއެއްދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އަބްލިއުޑީސީ) އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އެ ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭ ހާއްސަ ހަފްލާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

