ބަންގްލަދޭޝްގެ ވެރިކަމުން 2024 ވަނަ އަހަރު ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝެޚް ޙަސީނާ ބޭއްވެވި ފުރަތަމަ އާންމު މީޑިއާ ބައްދަލުވުމުގައި، ކުރީގެ ކްރިކެޓް ކެޕްޓަން ޝަކީބް ޙަސަން ބައިވެރިވުމާ ގުޅިގެން، އޭނާގެ ގޭގެ ކުޑަދޮރުތައް ތަޅައިލައި އަދި ޕެޓްރޯލް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
ފުލުހުން ބުނިގޮތުގައި، ވެރިރަށް ޑާކާގެ އުތުރުން ގާތްގަނޑަކަށް 170 ކިލޯމީޓަރު (105 މޭލު) ދުރުގައި އޮންނަ މަގުރާ ޓައުންގައި ހުންނަ ޝަކީބްގެ ގެއަށް ބަޔަކު ވަނީ ހަމަލާދީފައެވެ. މި ހަމަލާގެ ސަބަބުން އެ ގޭގެ މަތީ ފަންގިފިލާގައި ރޯވެ، ގެއަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް ހަމަލާ ދިން ވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭކަމަށާއި، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އަވާމީ ލީގުގެ ޓިކެޓުގައި ކުރިން ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެފައިވާ ޝަކީބް މި ހަމަލާއާ ކުރިމަތިލާންޖެހުނީ، ނިއުދިއްލީގައި ހުންނަ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާއިން އިންތިޒާމުކޮށްގެން ބޭއްވި ވާޗުއަލް އިވެންޓެއްގައި ބައިވެރިވިތާ ކުޑަ ވަގުތުކޮޅެއްގެ ފަހުންނެވެ. އޯޑިއޯ މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ޝެޚް ޙަސީނާ ވަނީ، ބަންގްލަދޭޝްއަށް އަނބުރާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި އިންޤިލާބަށްފަހު، ބަންގްލަދޭޝް ދޫކޮށް ގޮސްފައިވާ ޝަކީބަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މަޖިލީހަށް އިންތިޚާބުވި ފަރާތެކެވެ. އޭނާގެ މައްޗަށް މީހުން މަރާލުމާއި، ޚިޔާނާތާއި، މަކަރު ހެދުމުގެ އިތުރުން މަނީ ލޯންޑަރިންގ ގެ ތުހުމަތުތަކެއްކޮށް އެކި ތަޙުޤީޤުތައް ދަނީ ހިންގަމުންނެވެ.
"އަޅުގަނޑުގެ ރައްޔިތުންގެ ގާތަށް އަޅުގަނޑު އެނބުރިދާނަން،" ޙަސީނާ ވިދާޅުވިއެވެ. "އެމީހުން އަޅުގަނޑު ޖަލަށްލާނެކަން ނުވަތަ މަރާލާނެކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑު އެނބުރި ދާންޖެހޭނެ." ހަސީނާ ވިދާޅުވިއެވެ.
ވެރިކަމުން ދުރުކުރިތާ ދެ އަހަރު ފުރުނު ދުވަހު ބޭއްވި މި އިވެންޓަކީ، 2024 ވަނަ އަހަރު ބަންގްލަދޭޝް ދޫކޮށް ފިއްލެވިފަހުން ޙަސީނާ މީޑިއާއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި އޭނާ ލީޑުކުރެއްވި އަވާމީ ލީގު ޕާޓީ ސިޔާސީ ޙަރަކާތްތަކުން މަނާކޮށްފައިވާތީ، އެ ބޭންކުރުން އުވައިލަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޙަސީނާ މީޑިއާއަށް މަޢުލޫމާތު ދެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިންޑިޔާގައި ހުރެގެން މީޑިއާއާ ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމަކީ ޤައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް އިންޒާރުދީފައިވެއެވެ.
އުމުރުން 78 އަހަރުގެ ޙަސީނާ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ ނިއުދިއްލީގައެވެ. ބަންގްލަދޭޝް ސަރުކާރުންދަނީ އިންޑިޔާއިން އޭނާ ހަވާލުކުރުމަށް އެދެމުންނެވެ. އިންޑިޔާއިން ބުނަމުންދަނީ އެ ޤައުމުގެ ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން އެކަން ބަލަމުންދާ ކަމަށެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު، 2024 ވަނަ އަހަރުގެ ދަރިވަރުންގެ އިންޤިލާބާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާބެހޭ ޚާއްޞަ ކޯޓުން ވަނީ ޙަސީނާގެ ޣައިރު ޙާޟިރުގައި މަރުގެ ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެ ތުހުމަތުތަކަކީ ސިޔާސީގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ ޙަސީނާ ވަނީ އެކަންކަން ދޮގުކުރައްވާފައެވެ.





